ހިޖުރައިން 3ވަނަ ޤަރުނަކީ އިސްލާމީ ޢިލްމުތައް އަރާއަރަފޯދުނު ޤަރުނެވެ. ޢިލްމީ މަރުކަޒުތައް އުފެދިގެން އައި ޤަރުނެވެ. އެ މަރުކަޒުތަކުގެ ތެރޭގައި، މައްކާ، މަދީނާ، ބަޞަރާ، ޚުރާސާން، ކޫފާ، ޝާމް އަދި ބަޣްދާދު ފަދަ ރަށްތަކުގައި އުފެދުނު މަދާރިސުތަކާއި ޢިލްމީ ޙަލަޤާތުތަކާއި މަރުކަޒުތައް ފާހަގަކޮށްލެވެއެވެ. ފިޤްހީ މަޒުހަބުތައް ވެސް ކުރި އަރައިގެން ދިޔައީ މި ދުވަސްވަރުގައެވެ. ސީރަތާއި ތާރީޚުގެ ގިނަ ފޮތްތަކެއް ލިޔެވުނެވެ. ޢަރަބިބަހުގެ ޢިލްމުތަކާއި އޭގެ ޤަވާޢިދުތައް އެކަށައެޅިގެން އައެވެ. އަދި ހަމަ އެހެންމެ، އެ ޒަމާނުގައި ޙަދީޘް ޢިލްމު އޭގެ ކުރިބޯއްޓަށް ފޯރިއެވެ.
އިސްވެ ދެންނެވުނު ޤަރުނަކީ ނުވަތަ ޒަމާނަކީ މަޝްހޫރު އިމާމުވެރި ބޭކަލުން ކަމުގައިވާ އިމާމު އަޙްމަދު ބުނު ޙަންބަލް، ޔަޙްޔާ ބުނު މަޢީން، ޢަލީ ބުނު އަލްމަދީނީ، އައްތިރްމިޛީ އަދި އިބުނު މާޖާ ފަދަ ބޮޑެތި އިމާމުންގެ ޒަމާނެވެ. އެ ދުވަސްވަރު ޙަދީޘް ޢިލްމުގައި އަރައި ހުންނެވި އިމާމެއް ކަމުގައި ވާ، އިސްޙާޤް ބުނު ރާހުވައިހި ޙަދީޘް ކިޔައިދިނުމުގެ މަޖިލީހެއްގައި ވިދާޅުވިއެވެ. “ތިޔަބައިމީހުން ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޞައްޙަ ސުންނަތްތައް ފޮތެއްގައި ޖަމާކުރާނޭ ނަމައެވެ.” އިމާމު އިސްޙާޤު ވިދާޅުވީ މަދު ކަލިމަފުޅުތަކެކެވެ. ނަމަވެސް މި ކަލިމަތަކުން ނުކުމެގެން އައީ ބޮޑު ބިޔަ މަޝްރޫޢެއްގެ ތަޞައްވުރެވެ. އެކަމުގެ ފެށުމެވެ. އެކަމުގެ ޢަޒުމެވެ. މި ކަލިމަތައް އިމާމު އިސްޙާޤުގެ ދަރިވަރެއްގެ ކަންފަތްޕުޅުގައި ހަރުލިއެވެ. ހިތްޕުޅުގައި އެކަމުގެ ޝައުގުވެރިކަން އުފެދުނެވެ. މި ކަލިމައިން ލިބުނު ހިތްވަރާ އެކު، އެ ދަރިވަރު ވަރަށް ހިންމަތްކޮށް ޙަދީޘް ޖަމަޢު ކުރެއްވުމުގެ މަސައްކަތްޕުޅެއް ފެއްޓެވިއެވެ. އެކަމުގައި 16 އަހަރު ހޭދަ ކުރެއްވިއެވެ. އާދެ، އެ ދަރިވަރަކީ ޙަދީޘް ޢިލްމުގައި އެންމެ އަރައި ހުންނެވި ޢިލްމުވެރިޔާ އިމާމު އަލްބުޚާރީއެވެ. އެކަލޭގެފާނު ޖަމާކުރެއްވި الجامع الصَّحيح ނުވަތަ ޞަޙީޙުލް ބުޚާރީ ވެގެން ދިޔައީ އިސްލާމީ އުންމަތުގެ ޢިލްމުވެރިންގެ އިޖުމާޢުން ޤުރުއާނަށް ފަހު ބިންމަތީގައި ވާ އެންމެ ޞައްޙަ ފޮތް ކަމުގައެވެ.
މިފަދަ ބޮޑު މަޝްރޫޢެއްގެ ބިންގާ އެޅިގެން ދިޔަ އެންމެ މައިގަނޑު ސަބަބަކީ އިމާމު ބުޚާރީގެ އުސްތާޛު ދެއްވި ނަޞޭޙަތުގެ ބަސްފުޅުކަން އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ. މިއިން އެނގެނީ މުދައްރިސުންނާއި މުރައްބީންނާއި ބެލެނިވެރިންގެ ނަޞޭޙަތުގެ މުހިންމުކަމާއި މަތިވެރިކަމެވެ. ދެއްވާ ނަޞޭޙަތުގައި ރަނގަޅު ޖީލެއް ބިނާކުރައްވާ، އެ ޖީލުން އުފެދިގެން އަންނަ ދަރިވަރުންނަކީ އުންމަތަށް މިފަދަ މަތިވެރި ޚިދުމަތްތައް ކުރާނޭ ޖީލަކަށް ހެދުމުގެ ނިޔަތް އޮތުމުގެ މުހިންމުކަމެވެ.
މިއީ ހަމައެކަނި މުދައްރިސުންނާއި މުރައްބީންނަށް އޮތް ކަމެއް ނޫނެވެ. މިއީ ކޮންމެ މީހަކަށް ވެސް އަދާ ކުރެވިދާނޭ ދައުރެކެވެ. އެކުވެރިން އެކަކު އަނެކަކަށް މިފަދަ މަތިވެރި ނަޞޭޙަތް ދެވިދާނެއެވެ. މައިންބަފައިން ދަރީންނަށެވެ. ވެރީން ރައްޔިތުންނަށެވެ. ޢާއިލީ މީހުން ގާތްތިމާގެ މީހުންނަށެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ބޭނުން ވަނީ މިފަދަ މުދައްރިސުންނާއި މުރައްބީންނާއި ބެލެނިވެރީންނެވެ. އަޅުގަނޑުމެން އެންމެންނަކީ އެކަކު އެނަކަކަށް ހެޔޮ ކަންކަމަށް ހިތްވަރު ދޭ ބަޔަކަށް ވާން ވީއެވެ. ހެޔޮ ކަންކަމަށް މަގު ދައްކާ ބަޔަކަށް ވާން ވީއެވެ. އުފެދެމުން އަންނަ ޖީލުތަކަށް އުޖާލާ ކުރިމަގެއް ބިނާކޮށްދޭ ބަޔަކަށް ވާން ވީއެވެ.
ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْأَوّل މަހުގެ 2 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 40ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الشَّيْخ مُحَمَّدُ مَعُوْن شَرِيْف ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


