ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައި ވާކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، އަދި ބޭރުތޮށި ލުމުގެ މަސައްކަތް 9 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


