ކުރިއަށް އޮތް 05 ދުވަހު ރާއްޖެއަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ

ޚަބަރު ފަހުގެ

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކޮށްފިއެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފް އަކާއި ގުޅިގެން މުޅި ރާއްޖެއަށް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ކަނޑުތައް ގަދަވެ ވައި ގަދަވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކުރެއެވެ. އެގޮތުން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާ އެކު ގުގުރުން އެކަށީގެންވެއެވެ. އާންމުކޮށް 10 މޭލާއި 23 މޭލާއި ދެމެދުގައި ވައި ޖެހޭނެކަމަށް ލަފާކުރި ނަމަވެސް، ވިލާގަނޑުގައި 20 މޭލާއި، 40 މޭލާއި ދެމެދުގެ ބާރުމިނުގަ ވައިޖެހޭނެއެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން އުޅޭނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ނިކުންނަ އިރު މޫސުމާއި ބެހޭ މައުލޫމާތު އެއްކުރުމާއި، ރައްކާތެރިކަމުގެ ފިޔަޅުތަކާއެކު ދަތުރަށް ނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ދަތުރުތަކުގައި ސަމާލުވާން މެޓް އޮފީހުން ވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ