އަބޫބަކުރުގެފާނު، ހިތްޕުޅު ތިރިކަމުގެ ނަމޫނާ

ފަހުގެ ދީން

ޖާހިލިއްޔަ ޒަމާނުއްސުރެ އަބޫބަކުރުގެފާނަކީ މައްކާގެ މުއްސަނދީންގެ ތެރެއިން ހިމެނިވަޑައިގެންނެވި މާތް ބޭކަލެކެވެ. އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އިސްލާމްވެވަޑައިގެން، ފިރިހެންނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެންނެވި ބޭކަލަކީ ވެސް އެކަލޭގެފާނެވެ.

ބަދުރު ހަނގުރާމައިގައްޔާއި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ކުރެއްވި ކޮންމެ ހަނގުރާމައެއްގައި އެކަލޭގެފާނުގެ އަރިހުގައި އަބޫބަކުރުގެފާނު ބައިވެރިވަޑައިގެންނެވިއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި، މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ ވެސް އެކަލޭގެފާނަށެވެ. ހަމައެހެންމެ މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާއަކީ ވެސް އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ނަންފުޅަކީ، ޢަބްދު ﷲ ބުނު ޢުޘްމާނު ބުނު ޢާމިރުއެވެ. އަބޫބަކުރަކީ އެކަލޭގެފާނުގެ ކުންޔަ އެވެ. (ކުންޔައަކީ އާންމުކޮށް ކިޔާ ނަމެވެ.) އެކަލޭގެފާނު މަޝްހޫރުވެފައި ވަނީ އައްޞިއްދީޤުގެ ލަޤަބުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވެރިކަން ލިބިވަޑައިގަތުމުން މީސްތަކުންނާ މުޚާޠަބުކުރައްވައި އެންމެ ފުރަތަމަ ދެއްވި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ. “އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވަނީ ތިޔަބައިމީހުންގެ މައްޗަށް ވެރިޔަކު ކަމުގައި އިސްކުރެވިފައެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރޭގައި ހުރި އެންމެ ހެޔޮ މީހާ ކަމުގައި ދެކެވަޑައިނުގަންނަވަމެވެ. ތިމަންކަލޭގެފާނު ޙައްޤުގެ މަތީގައި ދެމިހުރެއްޖެ ނަމަ ތިމަންކަލޭގެފާނަށް ވާގިވެރިވެދޭށެވެ. ތިމަންކަލޭގެފާނު ބާޠިލު ގޮތުގައި ހުރެއްޖެ ނަމަ ހެޔޮމަގަށް ގެނެސްދޭށެވެ. މާތް ﷲ އަށް ކިޔަމަންތެރިވުމުގައި ތިމަންކަލޭގެފާނު ދެމިހުރިހައި ހިނދަކު ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ތިމަންކަލޭގެފާނު މާތް ﷲ އަށް އުރެދިއްޖެ ނަމަ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރުމެއް ނެތެވެ. ދަންނާށެވެ! ތިޔަބައިމީހުންގެ ތެރެއިން އެންމެ ނިކަމެތި މީހާގެ ޙައްޤު އޭނާއަށް ހޯދައިދީފުމަށް ދާންދެން އޭނާއަކީ ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ބާރުގަދަ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ބާރުގަދަ މީހާގެ (އަތުގައިވާ އެހެންމީހުންގެ) ޙައްޤު އަތުލެވިއްޖެއުމަށްދާންދެން އޭނާއަކީ ތިމަންކޭލެފާނުގެ އަރިހުގައި އެންމެ ނިކަމެތި މީހާއެވެ.”

އަބޫބަކުރުގެފާނަކީ ހިތްޕުޅުތިރިކަމާއި އޯގާތެރިކަމުގެ ނަމޫނާއެކެވެ. އެކަލޭގެފާނަކީ އެއްވެސް މީހެއްގެ މައްޗަށް ބޮޑާވެރިވެވަޑައިގަތުމަކަށް، ނުވަތަ އެއްވެސް މީހަކަށްވުރެ ގަދަކަން ދެއްކެވުމަކަށް އެދިވަޑައިގަންނަވާ ބޭކަލެއް ނޫނެވެ.

އެކަލޭގެފާނުގެ ހިތްތިރިކަމާއި އޯގާތެރިކަމުގެ ވާހަކައިގެ ތެރެއިން ރިވާވެގެންވެއެވެ. މަދީނާގެ ރަށްބޭރުގައި ދިރިއުޅުނު، އުމުރުން ދުވަސްވެ، ލޯއަނދިރިވެފައިވާ މުސްކުޅި އަންހެނަކަށް، ޢުމަރުގެފާނު ޚިދުމަތްކޮށްދެއްވައި އުޅުއްވިއެވެ. ނަމަވެސް ޢުމަރުގެފާނު، އެ އެކަނބުލޭގެއަށް އެހީތެރިވެވަޑައިގަތުމަށް ވަޑައިގަންނަވާއިރު، ކޮންމެސް އެހެން މީހަކު އެކަނބުލޭގެއަށް ކަންކަން ކޮއްދީފައި ހުންނަކަން ފާހަގަ ކުރެއްވެއެވެ. ދެން އެ ޚިދުމަތްތެރިޔާއަކީ ކާކުތޯ ބެއްލެވުމަށް އެއް ދުވަހެއްގައި ފާރަލެއްވިއެވެ. އަދި އެކަނބުލޭގެއަށް ބޭނުންޖެހިފައިވާ ކަންކަން ކޮއްދެވަނީ އަބޫބަކުރުގެފާނު ކަން އެނގިވަޑައިގަތެވެ. މިއީ އަބޫބަކުރުގެފާނުގެ ޚަލީފާވެރިކަމުގެ ދުވަސްވަރު ކުރައްވައި އުޅުއްވި ކަމެއް ކަމުގައި ރިވާވެގެންވެއެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْأَوّل މަހުގެ 9 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 41ވަނަ ޢަދަދުގެ 2ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ