ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާކުރައްވައިފި

ޚަބަރު ފަހުގެ

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފި އެވެ.

އެ މަޝްވަރާ ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ރައީސް އޮފީހުން ބުނީ، ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ގުޅޭގޮތުންނާއި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ރައީސް ނަޝީދު، ރައީސް ސޯލިހާ މަޝްވަރާ ކުރައްވައި ހިޔާލު ބަދަލު ކުރެއްވި ކަމަށްވެސް ބުންޏެވެ.

“ހައެއް ފަހެއް”ގެ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގެން މިމަހުގެ 13 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ، ރާއްޖޭއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ރައްޔިތުން މަޖިލީހުގެ ދައުރު ބޮޑުކޮށް އޮންނަ ބަރުލަމާނީ ނިޒާމު ކަމަށާއި ނިޒާމު ބަދަލުކުރުމާ ބެހޭ މަޝްވަރާތައް ރައީސް ސޯލިހާއެކު ވަރަށް ގާތުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އިތުރު އެއްވެސް ވާހަކަފުޅެއް ދައްކަވާނީ ރައީސް ސޯލިހާ ފުރިހަމައަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ސޯލިހު ވަނީ، މިހާރު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން ވޯޓުލައި ކަނޑައަޅާފައިވާ ނިޒާމެއް ކަމަށްވުމުން އަލުން އަނެއްކާވެސް ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުން އެގޮތަށް ބޭނުންވުމުން ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ