ރޭޕުގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ ގދ.ތިނަދޫ/ ނިއުލައިފް، ޝެހެޒާދު އަބްދުލްއަޒީޒުގެ މައްޗަށެވެ. އޭނާއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ޅިޔަނެކެވެ.
ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދައުލަތުން ޝެހެޒާދުގެ މައްޗަށް އުފުލާފައިވާ ރޭޕްކުރުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި 50 ދުވަސް ހޭދަކޮށްފައިވާތީ، ހުކުމުން އެ މުއްދަތު އުނިކޮށް، ތަންފީޒުކުރަންޖެހޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14 އަހަރާއި 10 މަހާއި 10 ދުވަސް ކަމަށްވެސް ކޯޓުން ހުކުމްކުރި އެވެ.
މި ދައުވާގެ އިތުރުން ދައުލަތުން ޝެހެޒާދުގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް އުފުލި އެވެ.
ނަމަވެސް އޭނާ އެ ދައުވާއަށް އިންކާރުކޮށްފައިވާތީ އާއި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެކުށް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.


