އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން، ދައުލަތުގެ ހަރަދުތަކުގެ ގޮތުގައި 34 ބިލިއަން ވަނީ ހިމަނާފައެވެ. އަދި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 4.6 ބިލިއަން ހިމަނާފައި ސިއްހީ ދާއިރާގެ ބޭނުންތަކަށެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމަށް 3.06 ބިލިއަން ހިމަނާފައި ވާއިރު، އިގްތިސާދީ އަދި ސިނާއީ ކުރިއެރުމަށް 8.08 ބިލިއަން ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ގެދޮރު އިމާރާތް ކުރުމަށް ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތަށް 2.48 ބިލިއަން ހިމަނާފައި ވާއިރު، ތައުލީމީ ދާއިރާއަށް 4.06 ބިލިއަން ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، ތިމާވެށި ރައްކާތެރި ކުރުމަށް 1.54 ބިލިއަން ހަރަދުކުރަން ހަމަޖެހިފައު ވާއިރު، ދިފާއީ ކަންކަން ބެލެހެއްޓުމާއި އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމު ކުރުމަށް 4.70 ބިލިއަން ރުފިޔާ ހަރަދު ކުރަން ހަމަޖެހިފައި ވެއެވެ.
އަންނަ އަހަރުގެ ދައުލަތުގެ އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 24.2 ބިލިއަންގެ ތެރެއިން 63 ޕަސަންޓަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއެވެ. އެގޮތުން، ޓެކްސް އާމްސަނީގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.


