ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާއި ގުޅިގެން ރާއްޖޭގެ ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެ އިދާރާއިން މިއަދު ބުނީ، ލަންކާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވާނެ ކަމަށެވެ. އަދި ބައެއް ރަސްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑުދަތުރު ކުރައްވާއިރު މޫސުމަށް ސަމާލުވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުގެ ހެނދުނުން ފެށިގެން މެންދުރުފަހު 2 ޖެހުމާއި ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މި މަހުގައި އައި ގަދަ ވިއްސާރަ މޫސުމުގައި ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް އެރި ރާޅަކާއެކު މޫދަށް ވެއްޓުނު އަންހެނަކު ނިޔާވެ އަދި އޭނަގެ 4 ފިރިހެން ދަރިފުޅު ގެއްލުނު ހާދިސާއެއް ހިނގާފައިވާއިރު، މިގޮތަށް މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
މި ހާދިސާ އާއި ގުޅިގެން، މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާނަމަ ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުން ލާޒިމްކޮށް، އަދި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު އިސްލާހުކޮށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ވަނީ ގެޒެޓް ކޮށްފައެވެ.


