ނަޞްރުގެ ދުވަސް

އިޖުތިމާޢީ ފަހުގެ ދީން

މިދިޔަ ހަފުތާ އަކީ އަޅުގަނޑުމެންގެ މި ޒަމާނުގެ ތާރީޚުގެ މުހިއްމު ދުވަހެއްގެ ޒިކުރާ އަނެއްކާ ވެސް އައު ކުރެވިގެން ދިޔަ ހަފުތާއެކެވެ. އެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހެވެ. މުސްލިމް ލެޔާއި ދިވެހި މުސްލިމް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ޙުރުމަތެއް ނެތި، ދިވެހީން ކުރެ ޣައްދާރު ވެގަތް ބަޔަކާއި އެ މީހުންގެ ބައިވެރީންތަކެއް ގުޅިގެން ދިވެހި ޤައުމަށް ދިން ނުރައްކައުތެރި ޙަމަލާގެ ދުވަހެވެ.

އެ ދުވަހު ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ޤައުމަށް ދެ ނިޢުމަތެއް ދެއްވިއެވެ. އެއް ނިޢުމަތަކީ މި ޤައުމުގެ ދަރީންތަކަކަށް މާތް ވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދު ވެގެން ދިޔުމުގެ ޝަރަފެވެ. އަނެއް ނިޢުމަތަކީ އެ ޝަހީދުންގެ ހެޔޮ އަދި މަތިވެރި ޤުރުބާނީގެ ވަސީލަތުން ދިވެހި މުސްލިމް ޤައުމަށް ދެއްވެވި މަތިވެރި ނަޞްރުގެ ނިޢުމަތެވެ. އާދޭހެވެ! އަޅުގަނޑުމެންގެ ތެރެއިން އެ ދުވަހު ވަކި ވެދިޔަ ލޮބުވެތި އަޚުންނަށް ޓަކައި މި ޤައުމު ހިތާމަ ކުރިއެވެ. ރުޔެވެ. ކަރުނަ އެޅިއެވެ. ހުވަފަތް ވި އަނބީންނާއި، ނިކަމެތި ވި މައިންބަފައިންނާއި، ޔަތީމު ވި ދަރީންގެ ހިތްތައް މޮޅިއާއި ހިތާމައިން ބަރު ވެގެން ދިޔައެވެ. ނަމަވެސް އެ މީހުންގެ މަތިވެރި ޤުރުބާނީއަށް ޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ފަޚުރާއި ޝުކުރެވެ. އެ މީހުންނަށް ޓަކައި، އެ މީހުންގެ ޤުރުބާނީގެ ވަސީލަތުން ކީރިތިވަންތަ ﷲ އަޅުގަނޑުމެންނަށް ދެއްވި މަތިވެރި ނަޞްރަށް ޓަކައި، އަޅުގަނޑުމެން މިއަދު ވެސް އަތް އުފުލައިލަނީ ހެޔޮ ދުޢާގެ ބަސްތަކާ އެކުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި އެކަންޏެއް ނޫނެވެ. އިސްލާމީ އުއްމަތުގެ ކޮންމެ ކަންކޮޅެއްގައި ވެސް އިސްލާމް ދީނުގެ ނިޢުމަތާއި، މުސްލިމުންގެ މިނިވަންކަމާއި ޝަރަފުގެ ނިޢުމަތް ދެމިއޮތީ ކީރިތިވަންތަ ﷲ ގެ އޯގާވަންތަކަމާއި ތައުފީޤާ އެކު، މުސްލިމް ދަރީންތަކެއް ވި މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. މުސްލިމް އުއްމަތުގެ ޝަހީދުން އެ މީހުންގެ ލެއިން ފެން ދީގެން އިސްލާމީ އުއްމަތުގެ މިނިވަންކަމާއި ޝަރަފުގެ ގަސްތަކަށް އާރޯކަން ގެނެސްދޭދިނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބަދުރާއި އުޙުދުގެ މައިދާނުގައި މި އުއްމަތުގެ އެންމެ ހެޔޮ ދަރީން ދައްކުވައިދެއްވި މަތިވެރި ނަމޫނާއިން ފިލާވަޅު ލިބިގަތް މުސްލިމް ދަރީންގެ ހިތްވަރާއި މިންނަތުގެ މޭވާއެއްގެ ގޮތުގައެވެ. އެފަދަ ދަރީންގެ ޠާހިރު ލެއިން ލިޔެވުނު ފަޚުރުވެރި ބާބުތަކަކީ ތާރީޚުގައި މަދު އެއްޗެއް ނޫނެވެ. ޞަލީބީންނާ ދެކޮޅަށް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ އަރިޔަހުގައި ޖިހާދު ކުރި މުޖާހިދުން، ތަތާރުންނާ ދެކޮޅަށް މަލިކު ސައިފުއްދީން ޤުޠުޒާއި މަލިކުއްޡާހިރު ރުކްނުއްދީނުލް ބައިބަރަސްގެ އަރިޔަހުގައި ޖިހާދު ކުރި މުޖާހިދުން، އަދި އިސްތިޢުމާރީންނާ ދެކޮޅަށް ޓީޕޫ ސުލްޠާނާއި ޝަހީދު ޢުމަރުލް މުޚްތާރާއި އަމީރު ޢަބްދުލްޤާދިރުލް ޖަޒާއިރީ ފަދަ ބަޠަލުން ކުރެއްވި މަތިވެރި ޖިހާދުގެ ބާބުތަކަކީ އޭގެ ތެރެއިން ބައެއް މިސާލުތަކެވެ.

ޅެންވެރިޔާ ވިދާޅުވާ ފަދައިން، ޝަހީދުނީ ދިރި ވާ ބައެކެވެ. އެކަން ލާ ތަޙްސަބައްނަ އާޔަތުން ވިސްނައިފި އެކަކަށް ވެސް ނުއޮޅޭނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އެ ޝަހީދުންގެ ވާހަކަ ނުދެކެވޭ އަދި އެ މީހުންގެ ޤުރުބާނީގެ އަގު ވަޒަން ނުކުރެވޭ ދުވަހެއް އަތުވެއްޖެއްޔާ އޭގެ މާނައަކީ އެ މީހުން މަރާއި މާޒީގެ ޞަފުޙާތަކުގެ ތެރޭގައި ގެއްލުނީއޭއެއް ނޫނެވެ. އޭގެ މާނައަކީ އަޅުގަނޑުމެން ދިރިތިބި ޙާލު މަރު ވެއްޖެ ބަޔަކު ކަމަށް ވުމެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْأَوّل މަހުގެ 30 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 44ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الْأُسْتَاذ أَحْمَدُ مَاجِد ލިޔުއްވާފައިވާ މަޒުމޫނެއް.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ