އީމާންކަން

ފަހުގެ ދީން

ޢަރަބި ބަހުގައި އީމާންކަމަކީ: ތެދުކުރުމާއި އިޤްރާރުވުމާއި ހަމަޖެހުމެވެ. ޝަރުޢީ ގޮތުން އީމާންކަމުގެ ދެ މާނައެއް ވެއެވެ. އެއީ ދެ ޙާލަތެއްގައި ކުރެވޭ ދެ މާނައެކެވެ.

ފުރަތަމަ ޙާލަތަކީ އިސްލާމްކަމުގެ ޛިކުރު ނުކުރެވޭ ތަނެއްގައި ނުވަތަ ޖުމުލައެއްގައި އީމާންކަމުގެ ވާހަކަ ބަޔާންވެގެން އައިސްފައިވުމެވެ. މި ޙާލަތުގައި އީމާންކަމުގެ މުރާދަކީ: ދީނުގެ އެންމެހާ ކަންތައްތަކެވެ. ޢަޤީދާއާއި ބަސްތަކާއި ޢަމަލުތައް އީމާންކަމުގައި ހިމެނިގެންދާނެއެވެ. މީގެ މިޘާލަކީ އަންނަނިވި ޙަދީޘެވެ. “الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً، فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللهُ، وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ” [رواه مسلم.] މާނައީ: “އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެންވެއެވެ. ފަހެ އޭގެ އެންމެ މާތްވެގެންވަނީ لاَ إِلَهَ إِلاَّ اللهُ މި ކަލިމައެވެ. އަދި އޭގެ އެންމެ ދަށުގައިވަނީ، މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ އެއްޗެހި އެއްފަރާތް ކުރުމެވެ. އަދި ލަދުވެތި ކަމަކީ ވެސް އީމާންކަމުގެ ބައެކެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެވަނަ ޙާލަތަކީ އިސްލާމްކަމާ ވިދިގެން އީމާންކަމުގެ ލަފުޡު އައިސްފައިވުމެވެ. މި ޙާލަތުގައި އީމާންކަމުގެ މުރާދަކީ: އިޢުތިޤާދުތަކެވެ. އަދި އިސްލާމްކަމުގެ މުރާދަކީ ބޭރުފުށުގެ ބަސްތަކާއި ޢަމަލުތަކެވެ. މީގެ މިޘާލަކީ އަންނަނިވި ޙަދީޘެވެ. “اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِيمَانِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِسْلَامِ” [رواه أبو داود وصححه الألباني] މާނައީ: “އޭ ﷲ! އަޅަމެންގެ ތެރެއިން އިބަ އިލާހު ދިރިލަހައްޓަވައިފި މީހާ، ފަހެ އިސްލާމްކަން މަތީގައި އޭނާ ދިރިލަހައްޓަވާނދޭވެ! އަދި އަޅަމެންގެ ތެރެއިން އިބަ އިލާހު މަރުގަންނަވައިފި މީހާ، ފަހެ އީމާންކަން މަތީގައި އޭނާ މަރުގަންނަވާނދޭވެ!” އަދި ޖިބްރީލު ޙަދީޘުގައި ވެސް އީމާންކަން އައިސްފައިވަނީ މި މާނައިގައެވެ.

އީމާންކަމުގެ ހަ ރުކުންވެއެވެ. އެއީ: ﷲ އަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ބާވައިލެއްވި ފޮތްތަކަށް އީމާންވުމާއި ރަސޫލު ބޭކަލުންނަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާ އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. އީމާންކަމުގެ ހަ ރުކުނަކީ ޢަޤީދާގެ އެންމެ މަތިވެރި އަސާސްތަކެވެ. އޭގެ އިތުރަށް ވެސް އަޅުގަނޑުމެން އިޢުތިޤާދު ކުރަންޖެހޭ އެތައް ކަމެއް ކީރިތި ޤުރުއާނާއި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުގައި ވާރިދުވެގެން އައިސްފައިވެއެވެ. މުއުމިނުންގެ ގޮތަކީ އެ ހުރިހާ ކަމަކަށް ވެސް އީމާންވެ އިޤުރާރުވުމެވެ. އީމާންކަމަކީ ހެޔޮ ޢަމަލުކުރުމުން އިތުރުވާ އެއްޗެކެވެ. އަދި ފާފަކުރުމުން އުނިވާ އެއްޗެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “إِنَّ الْإِيمَانَ لَيَخْلَقُ فِي جَوْفِ أَحَدِكُمْ كَمَا يَخْلَقُ الثَّوْبُ الْخَلِقُ، فَاسْأَلُوا اللَّهَ أَنْ يُجَدِّدَ الْإِيمَانَ فِي قُلُوبِكُمْ” [رواه الحاكم والطبراني وحسنه الألباني] މާނައީ: “ހަމަކަށަވަރުން ހެދުމެއް ބާވާ ފަދައިން ތިޔަބައިމީހުންގެ ކިބައިގައިވާ އީމާންކަން ވެސް ބާވެއެވެ. ފަހެ އީމާންކަން އާކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ.”

މަޞްދަރު: [معارج القبول للشيخ الحافظ الحكمي]

ނޯޓް: މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْأَوّل މަހުގެ 30 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 44ވަނަ ޢަދަދުގެ 2ވަނަ ޞަފްޙާގައި الشَيْخ عِمْرَان مُحَمَّد عَلِي ލިޔުއްވާފައިވާ މަޒުމޫނެއް.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ