ސިވިލް ސާވެންޓުން ސިޔާސީ ހަރަކާތުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭނެ

ޚަބަރު ފަހުގެ

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރަކާތުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

އިސްލާހުކޮށް އިއްޔެ ގެޒެޓްކޮށްފައިވާ ގަވާއިދުގެ 272 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް މުވައްޒަފަކު ކޮށްފިނަމަ އެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރެވިދާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ހިމެނެ އެވެ، އަދި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާ އިން ވަކިކުރެވިދާނެ ކުށްތަކުގެ ތެރޭގައި ހިމަނާފައެވެ.

މީގެއިތުރުން މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކި ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގައި ވަނީ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ގެޒެޓް ކުރާތާ 60 ދުވަސް ފަހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ