ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިވެހި މުވައްޒަފުންނަށް ކަނޑައެޅި މިނިމަމް ވޭޖް އިއުލާންކޮށް އެކަން ރަސްމީކޮށް ސަރުކާރުން މިއަދު އިއުލާން ކޮށްފިއެވެ.
ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައިފަ އެވެ.
ސަރުކާރުން ވަނީ މިނިމަމް ވޭޖް 4 ދާއިރާއަކަށް ބަހާލާފައެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް މަހަކު 4500ރ މިނިމަމް ވޭޖްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7000ރ ރުފިޔާ ކަނޑައަޅާފައި ވާއިރު، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000ރ ރުފިޔާ ވަނީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައެވެ.
މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަހަކު 7000ރ ރުފިޔާ އަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިގެނެވުނު ބަދަލާއި އެކު ދިވެހި މުވައްޒަފުންނަށް އުފާވެރިކަން ލިބިގެން ދާނެ ކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅިގެން ދާއިރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ވާނެ ކަމަށެވެ.
”މި ބަދަލާއި އެކު މުވައްޒަފުންނަށް ހިތްހަމަޖެހުން ލިބިގެން ދާނެ. އެހެން ނަމަވެސް ވަޒީފާ ދޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ކައިރި މުސްތަގުބަލުގައި ގޮންޖެހުން ތަކާއި ކުރިމަތިވެދާނެ. އެގޮތުން މުވައްޒަފުން މަދު ކުރަން ޖެހުން. ވަޒީފާއިން މުވައްޒަފުން މަދު ކުރުން. ނޫނީ ފަހަރެއްގައި ކުދި ވިޔަފާރިތައް ބަނގުރޫޓުވެސް ވެދާނެ. އެހެން ނަމަވެސް މެދު ރާސްތާއަށް ވިސްނައިފިނަމަ މިކަން ރަނގަޅުވެގެން ދާނެ…“ މިނިސްޓަރ ވިދާޅުވިއެވެ.


