އިސްލާމްކަން ފުރިހަމަ ކުރުން

ޚަބަރު ފަހުގެ

އިސްލާމް ދީނުގެ ޢިލްމުވެރީން ވިދާޅުވެދެއްވާ ގޮތުގައި، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ތަޢުލީމާތުން ދީނުގެ މައިގަނޑު ތިން ބައެއް ފެނެއެވެ. އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާންކަމެވެ. މިއިން ކޮންމެ ބަޔަކީ ވެސް އިސްލާމް ދީނުގެ އަސާސެކެވެ. މީގެ ތެރެއިން އެއްވެސް ބަޔަކާ ނުލައި ދީން ފުރިހަމައެއް ނުވެއެވެ. މީހަކު ޙަޤީޤީ މާނައިގައި އިސްލާމް ދީނަށް ތަބަޢަ ވާ މީހަކަށް ވަނީ، މި ތިން ބައި ވެސް އަޅުގަނޑުމެންގެ ކިބައިގައި އެކަށޭނަ މިންވަރަކަށް ފުރިހަމަ ވުމުންނެވެ.

އެހެންކަމުން، އީމާން ވާން ޖެހޭ ކަންކަމަށް އީމާން ވެފައި އިސްލާމްކަމުގެ ރުކުންތައް ފުރިހަމަ ކުރުމަކުން، މީހަކު ފުރިހަމަ މުސްލިމަކަށް ނުވެއެވެ. ފުރިހަމަ މުސްލިމަކަށް ވަނީ، މީހާގެ ކިބައިގައި އިޙްސާންތެރިކަން ވެސް ހުރެގެންނެވެ. މީހާ އަކީ ބުނާ ބަހާއި ދައްކާ ވާހަކައިގައި ވެސް، ކުރާ ޢަމަލުތަކާއި މުޢާމަލާތުތަކުގައި ވެސް، އުޅޭ އުޅުމާއި ސުލޫކުގައި ވެސް، އިޙްސާންތެރިޔަކަށް ވެގެންނެވެ. ތިމާގެ ހަށިގަނޑަށް އަދާ ކުރާން ޖެހޭ ޙައްޤުތަކުގައި ވެސް، ތިމާގެ ޢާއިލާއަށް އަދާ ކުރާން ޖެހޭ ޙައްޤުތަކުގައި ވެސް، ރައްޓެހި ރަޙުމަތްތެރީންނަށް އަދާ ކުރާން ޖެހޭ ޙައްޤުތަކުގައި ވެސް، އަވަށްޓެރީންނާއި ދުރުހިލޭ މީހުންނަށް އަދާ ކުރާން ޖެހޭ ޙައްޤުތަކުގައި ވެސް، އަދި ދުނިޔެ އާއި އެ ދުނިޔޭގައި ވާ ދިރުންތަކަށް އަދާ ކުރާން ޖެހޭ ޙައްޤުތައް އަދާ ކުރުމުގައި ވެސް އިޙްސާންތެރިކަމާ އެކު ކަން ކޮށްގެންނެވެ. އިޙްސާންތެރި ވުމަކީ މި ހުރިހައި ކަމެއްގައި ވެސް ރަނގަޅު އަދި ރިވެތި ގޮތުގައި އުޅުމެވެ. ސާފުޠާހިރުކަމުގައި ހިފެހެއްޓުމުން ފެށިގެން ގޮސް ތިމާޔާ މެދު އަނިޔާވެރި ވާ މީހާއަށް ވެސް އޯގާތެރިކަމާއި ރަޙުމު އިސް ކުރުމާ ހަމަޔަށް، ހުރިހައި ކަމެއް ވެސް ރިވެތި އަޚްލާޤާއި ހެޔޮ ގޮތްތަކުގައި ސީދާ ކުރުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިޙްސާންތެރިޔާ އޭނާގެ ހަށިގަނޑާއި ފޭރާން އެޅުމުގެ ކަންކަން ބަހައްޓާނީ އިންސާނީ ކަރާމާތާއި ޝަރަފާ އެކަށޭނަ ގޮތެއްގައެވެ. އޭނާ މަކަރުޙީލަތެއް ނުހަދާނެއެވެ. ދޮގުވެރިއެއް ނުވާނެއެވެ. ރުޅިވެރިކަމާއި ރުޅިގަދަކަމާއި ނަފްރަތާއި ޙަސަދައިގެ ނުބައި މަގުގައި ނުހިނގާނެއެވެ. ފާޙިޝްކަމާ ކައިރިއެއް ނުވާނެއެވެ. ދަހިވެއްޗެއް ނުވާނެއެވެ. އިސްރާފެއް ނުކުރާނެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފައެއް އޭނާގެ ކިބަޔަކު ނުހުންނާނެއެވެ. އޭނާ ކަންނެތްކަމާއި ފަރުވާކުޑަކަމާ ދުރުހެލި ވާނެއެވެ. ޒިންމާތަކަށް ފުރަގަހެއް ނުދޭނެއެވެ. އޭނާ އަނިޔާވެރިއެއް ނުވާނެއެވެ. މީސްތަކުންނަށް ވެސް އަދި ﷲ ޚަލްޤު ކުރެއްވި އެހެނިހެން ދިރުންތަކަށް ވެސް އޭނާ އޯގާވެރި ވާނެއެވެ. އިޙްސާންތެރިޔާ އިސްލާމް ދީނަކީ ރަޙްމަތުގެ ދީން ކަމުގެ ހެކި އޭނާގެ ބަސްތަކާއި ޢަމަލުތަކުން ދައްކާނެއެވެ. ހުރިހައި ޙާލަތެއްގައި މެ ޢަދުލުވެރިކަމާއި އިންޞާފުގައި ބާރަށް ހިފަހައްޓާނެއެވެ. ހިތްވަރާއި ޢަޒުމުގެ ގަހަނާއިން ތިމާގެ ނަފުސު ޒީނަތްތެރި ކުރާނެއެވެ. ޢިއްފަތްތެރި ވާނެއެވެ. އަބުރުވެރި ވާނެއެވެ. ކެތްތެރި ވާނެއެވެ. އޭނާގެ ކިބައިން ފެންނާނީ މަޑުމޮޅިކަމާއި މަޑުމައިތިރިކަމެވެ. ދީލަތިކަމާއި އޯގާވެރިކަމެވެ.

އީމާންކަމާއި އިސްލާމްކަމާ އެކު، އިޙްސާންކަމަށް ވެސް މުސްލިމުން ފަރުދީ ފެންވަރުގައި ސަމާލުކަން ދޭ ހިސާބުން، އިސްލާމީ މުޖުތަމަޢު މި ދެންނެވި ހެޔޮ އަޚްލާޤުން ޒީނަތްތެރި ވެފައި ވާ މުޖުތަމަޢަކަށް ވެގެން ދާނެއެވެ. އެއިރުން އެ މުޖުތަމަޢުގައި އިސްލާމް ދީން ފުރިހަމަ ވީއެވެ. އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުގެ ނުވަދިހަ ނުވަ އިންސައްތަ ފުރިހަމަ ވީއެވެ. އެއިރުން އެ މުޖުތަމަޢު ވާނީ ދުނިޔެއަށް އަލިކަން ފަތުރާ ފާންކަން ގަދަ ބައްތިއަކަށެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْآخر މަހުގެ 7 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 45ވަނަ ޢަދަދުގެ 2ވަނަ ޞަފްޙާގައި الْأُسْتَاذ أَحْمَدُ مَاجِد ލިޔުއްވާފައިވާ މަޒުމޫނެއް.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ