ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ޝެރެޓް ސްޓޫޑިއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން އެވެ. ޝެރެޓް ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ސްޓޫޑިއޯގެ ޑިރެކްޓަރ ހުސެއިން ޒިޔަތު އެވެ.

މި އެއްބަސްވުމާ ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު އާސިފް ވިދާޅުވީ ހަނިމާދޫ ލޭންޑްޔޫސް ޕްލޭން ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދުމަށް 1 އޮގަސްޓް ގައި އިއުލާން ކުރުމުން 23 ސެޕްޓެމްބަރ ގައި ބިޑް ހުށައެޅި 4 ފަރާތުގެ ބިޑްތައް އެކަމަށް ހާއްސަ ކޮމެޓީން ބެލުމަށްފަހު އެންމެ މަތިން މާކްސް ލިބުނު ފަރާތަކީ ޝެރެޓް ސްޓޫޑިއޯ ކަމުން އެފަރާތަށް މަސައްކަތް ހަވާލު ކުރީ ކަމަށެވެ.
އެއްލަކަށް ނުވަދިހަ ނުވަހާސް އަށްސަތޭކަ ދިހަރުފިޔާ އަށް ޝެރެޓް ސްޓޫޑިއޯ ހަވާލުކޮށްފައިވާ ހަނިމާދޫ ލޭންޑް ޔޫސް ޕްލޭން 60 ދުވަސް ތެރޭ ނިންމާ ކައުންސިލަށް ހަވާލު ކުރަން ޖެހޭނެކަމަށް އާސިފް ވިދާޅުވިއެވެ.
ފޮޓޯ : ހަނިމާދޫ ކައުންސިލް


