ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު ނުވަތަ ނަފުރަތުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 16 ވަަނަ ދުވަހުގައެވެ.
މި ޤާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކޮށްފައެވެ.
ތަކްފީރުކުރުމުގެ ޢަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ޤައުމާއި، ކުލަޔާއި، ސިޔާސީ ވިސްނުމާ ގުޅުވައިގެން ހިންގާ ޢަމަލު:
ޤާނޫނުގައިވާ ގޮތުން ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާއި ޚިލާފުނުވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން ނުވަތަ ކުރި ޢަމަލަކުން އެ މީހަކީ އިސްލާމްދީނާއި ޚިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން އެކީ ކުށެކެވެ. އަދި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހައި ހިނދަކު
ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހައި ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު ޢާންމު ތަނެއްގައި އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމަކީ ވެސް ކުށެކެވެ.
މި ޤާނޫނުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ވެސް ދެ ނަންބަރު ވަނީ އިތުރުކޮށްފައެވެ.
1- މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް ޢާންމު ތަނެއްގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން މާތް الله އަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން.
2- މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން މާތް الله އާއި މެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން.


