ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިއަށް އޮތް 72 ގަޑި އިރުތެރޭގައި ކޯޓަށް ހާޒިރު ވާންޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އަދި ކުރިއަށް އޮތް 72 ގަޑި އިރު ތެރޭގައި ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އޭނާގެ ބަދަލުގައި ޖާމިނުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ )އަށް ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތައް ވަޑައިގެންނެވި ގޮތައް އަދިވެސް އަލީ ވަހީދު ހުންނެވީ އެގައުމުގައެވެ. އޭނާ ސުޕްރީމް ކޯޓަށް ހާޒިރު ނުވެގެން ދެމަސް ދުވަހަށް އޭނާ ޖަލަށް ލާން ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި ވެއެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.
އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީން ވަނީ ފާހަގަކޮށްފައެވެ.


