ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ޚަބަރު ފަހުގެ

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރުތެރޭގައި ނިންމާ ގޮތަށެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މުސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއް އަހަރުތެރޭގައި ނިންމުމަށް އެއްބަސްވެ ހަވާލުކުރި މިމަސައްކަތުގެ ދަށުން، ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމެންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމެންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ބްރޭކްވޯޓަރ ގާއިމުކޮށް، ރަށުގެ ދެކުނު ފަރާތުން ގިރާ ސަރަހައްދަށް ވެލިއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 30 މީޓަރު ފުޅާ، 60 މީޓަރު ދިގު ދެ ސަރަހައްދު ފުންކޮށް، އާއްމުން މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި ތަރައްގީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައްސަލަ ހައްލުކުރުމަށް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ 22.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ