ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ ޕޭޖުތަކާއި، ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތައް ބްލޮކް ކުރުމުގެ ޢަމުރެއް ނެރެފިއެވެ.
ކްރިމިނަލް ކޯޓުން މި ޢަމުރު ނެރުނީ، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤުކޮށް ކޯޓަށް ހުށަހެޅުމުންނެވެ.
އެ ގޮތުން ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭގޮތަށް ބްލޮކްކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެފައެވެ.
އެހެންކަމުން މި އަމުރު ތަންފީޒުކުރުމަށްޓަކައި، ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން އަންގާފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. ހަމައެހެންމެ މި އަމުރު 72 ގަޑިއިރުތެރޭގައި ލިޔުުމުން ފުލުހުންނަށް އެންގުމަށާއި، އަމުރާއި އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ފުލުހުން ބުންޏެވެ.


