ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް ބޮޑުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށްދިޔަ “އާސްކް ސްޕީކާ” ޕްރޮގްރާމްގައި ކުރި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ ނުކުޅެދޭ ފަރާތްތަކަށްދޭ އެލަވެންސް ފުރަތަމަ ކަނޑައެޅުނު ގޮތަށް އަދި މިހާތަނަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެގޮތުން އިންފްލޭޝަނާއި އެއްވަރުވާ މިންވަރަކަށް ބަދަލެއް އައުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
“ދޮށީ އުމުރުގެ މީހުންގެ އިނާޔަތަށް ބަދަލެއް އަތުވެއްޖެ. އަޅުގަނޑަށް ވެސް ފާހަގަވޭ އެއީ ބަދަލެއް އަންނަންޖެހޭނެ ކަމެއް” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުން މިހާރު އަންނަނީ ކުރަމުންނެވެ. މި ޕެޓިޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހަށެވެ.
އެ ޕެޓިޝަނުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުން އަންނަ 2،000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.


