މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
އެ މަޝްރޫއު އިފްތިތާހުކުރީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެންނިހެންތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާއިރު، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބަހައްޓަން އިމާރާޓްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 32 ޕަސަންޓު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް 3 ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.
އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި އެ ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ.
އެ މަޝްރުއުގެ ދަށުން ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް އެރަށުގައި 5.02 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމު ކުރުމާއި، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި، 3 ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފްލޯ ގާއިމުބ ކުރާނެއެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.
އޭގެ އިތުރުން، އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހައްޓަން ބޭނުުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނުވެސް އެ މަޝްރޫއުގެ ދަށުން ފޮރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 69.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.


