ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ޖަމިއްޔާ އެއް ކަމުގައިވާ “އުތެމަ” އިން ނެރެފައިވާ ދެ ރިޕޯޓެއްގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަ ތަކެއް އެކުލެވޭތީ އެ ޖަމިއްޔާގެ އެ ރިޕޯޓުތައް ތަޙުޤީޤު ކޮށް އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށް ޤާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭގެ 30 މަދަނީ ޖަމިއްޔާއަކުން ގުޅިގެން ގޮވާލާ ބަޔާނެއް ނެރެފިއެވެ. މިބަޔާން ނެރުނު ޖަމިއްޔާ ތަކުގެ ތެރޭގައި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު އަދި ކެތިއަރާ ހިމެނެއެވެ.
މިއަދު ހަވީރު ޖަމިއްޔަތުލް ސަލަފުގެ ފޭސްބުކް ޕޭޖުގައި އާންމުކުރި މިބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ނޮވެމްބަރ މަހު އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާއިން ބާއްވާ “ޔޫ.ޕީ.އާރު”ގެ 36 ވަނަ ބައްދަލުވުމަށް ހުށައެޅުމަށް އުތެމަ އާއި އެމް.ޑީ.އެން އަދި ފުރާންސްގެ އެފް.އައި.ޑީ.އެޗް (އިންޓަނޭޝަނަލް ފެޑެރޭޝަން ފޯރ ހިޔުމަން ރައިޓްސް) ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން 3 އޮކްޓޯބަރ 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ބެހޭ ރިޕޯޓުގައިވަނީ ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ޣައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލަފައިއެވެ. އަދި ޒިނޭ ކުރުމުގެ ޙައްދު ޤާނޫނީ ޢުޤޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ޙައްދުތަކަށްވަނީ ފާޅުގައި އިންކާރުކޮށްފައިވާކަމަށްވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި ޖިންސީ ގުޅުންތައް އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށްވެސްވަނީ އެބަޔާނުގައި ގޮވާލާފައި ކަމަށާއި މިއީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކަށް ގޮންޖަހާ ދިވެހި ދަޢުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށް ދެކޭ ކަމަށްވެސް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމް.ޑީ.އެން އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށާއި، މާތް ނަބިއްޔާ އަށް ފުރައްސާރަކޮށްފައިވާކަން ރާއްޖޭގެ ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި ފުލުހުންގެ ތަޙުޤީޤުން ސާބިތުވެ، އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި ކައުންސިލްތަކާއި ޖަމިއްޔާތަކެއް އަޑު އުފުލުމުން، 19 ޑިސެންބަރ 2019 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ އެޖަމިއްޔާ އުވާލާފައެވެ. އެ ހަޑިމުޑުދާރު ޢަމަލު ހިންގި ފަރާތްތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމީ އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ވެސް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާން ނެރުމުގައި ބައިވެރިވި މަދަނީ ޖަމިއްޔާތަކަކީ ޖަމިއްޔަތުލް ސަލަފު، ކެތިއަރާ ހދ.ހަނިމާދޫ، ސާއްބަ އެކުވެރި ކްލަބު ހދ.ހަނިމާދޫ، އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް (އަސާ) ހއ.އުލިގަމު، ޔޫނިއަން ސްޕޯރޓްސް ކްލަބު އއ.މަތިވެރި، ޖަމިއްޔަތުލް ރިސާލާ ހދ.ނޮޅިވަރަން، ޖަމިއްޔަތުލް ޤަލަން އދ.ދަނގެތި، ޒުވާނުންގެ ކްލަބު އދ.ދަނގެތި، ޖަމިއްޔަތުލް އަންވާރު އދ.ދަނގެތި، ހޮޅުދޫ އިސްކާމިކް މޫވްމަންޓް ނ.ހޮޅުދޫ، ދަނގެތި މަސައްކަތްތެރިންގެ ޖަމިއްޔާ، ސްމާރޓް ސޮސައިޓީ ނ.މަނަދޫ، އަލްތަޛްކީރު އދ.އޮމަދޫ، ނިދާއުލްއިސްލާމް ނ.ފޮއްދޫ، ހޭޅި ސްޕޯރޓްސް ކްލަބު އދ.އޮމަދޫ، ޔުނައިޓެޑް ފޮރ މީދޫ ޔޫތު ޑިވެލޮޕްމަންޓަ (އުއްމީދު)، އަލް ބައްޔިނަ އދ.މަހިބަދޫ، މީދޫ ޖަމިއްޔަތުއްޞަލާޙް، ބިނާ ޖަމިއްޔާ ލ.މާވަށް، މީދޫ އެކުވެރި ކްލަބު، ޢިލްމު ލ.ފޮނަދޫ، ލެންޓަރން ރ.ހުޅުދުއްފާރު، ޔުނީކް ސްޕޯރޓްސް ކްލަބު ދ.ބަނޑިދޫ، މާސް އެމަލްގެމޭޝަން އެވެއަރނެސް އެންޑް ޑިވެލޮޕްމަންޓް (މާޑު އެސޯސިއޭޝަން) ޅ.އޮޅުވެލިފުށި، ބަނޑުދޫ އެސޯސިއޭޝަން ފޮރ ސޯސަލް އެމްޕަވަރމެންޓް (ބޭސް ފައުންޑޭޝަން)، ގެދަރިންގ އޮލުވެލިފުށި އޯލް ލިންކިންގ ސޮސައިޓީ، ދަނގެތި ޔޫތު ޑިވެލޮޕްމަންޓް، ތުލުސްދޫ ޒުވާނުންގެ ރޫޙް، އިލްމު ފައުންޑޭޝަން، ޖަމިއްޔަތުލް މަދަދު އއ.މަތިވެރިއެވެ.


