އިސްލާމީ އުންމަތާއި މުޖުތަމަޢީ މަސްއޫލިއްޔަތު

ފަހުގެ ދީން

މުޖުތަމަޢެއް ބިނާކުރުމުގެ އެންމެހާ މަސައްކަތެއް ކުރަނީ އެ މުޖުތަމަޢެއްގެ އަފްރާދުންނެވެ. ވެރީންނާ ހަމައިން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމައަށެވެ. ކޮންމެ މީހަކީ ވެސް މުޖުތަމަޢުގެ ކޮންމެ ވެސް މަސްއޫލިއްޔަތެއް އޭނާގެ ކޮނޑުގައި އެޅިފައިވާ މީހެކެވެ. ވެރިއެއް ރައްޔިތެއް ނޫނީ ފިރިހެނެއް އަންހެނެއް ތަފާތުވުމެއް ނެތިއެވެ.

އާދެ! އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު ނުވަތަ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޙައްޤުތަކުގެ ވާހަކަ ޒިކުރުކުރެވޭ ހިނދު، މިއަދު އެންމެ ފުރަތަމަ ވެސް އަދި އެންމެ ފަހުން ވެސް ތަޞައްވުރުވަނީ ހަމައެކަނި ދައުލަތުގެ މަތީ މަޤާމެއް ނުވަތަ ގެއިން ބޭރުގައި އަދާކުރާ ކޮންމެ ވެސް ވަޒީފާއެކެވެ. ނަމަވެސް މިއީ އެންމެ ފުރިހަމަ ނުވަތަ އެންމެ ޝާމިލު ތަޞައްވުރެއް ނޫނެވެ. އެހެނެއްކަމަކު، މައިން އެ މައިންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ގޭތެރޭގައި ފަށާ ހިސާބުން، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ މުހިންމު އެއް މަސައްކަތް ފެށުނީއެވެ. އެހެނީ، އަޚުލާޤު ރަނގަޅު، ދީނަށް ލޯބިކުރާ، ތަޢްލީމީ، ޤާބިލު، ހެޔޮލަފާ ދަރިންތަކެއް މި އުންމަތަށް ނެރެދިނުމަކީ މައިންނަށް ނުވަތަ އަންހެނުންނަށް އަދާކުރެވޭނެ އެންމެ އިސް އަދި އެންމެ މުހިންމު މަސްއޫލިއްޔަތެވެ. ވާޖިބެވެ. މުޖުތަމަޢު އިސްލާޙުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގޭގެ ހަތަރު ފާރުން ބޭރުވުމާ އެކު އެންމެ ކައިރީގައިވަނީ އަވަށްޓެރިންނެވެ. އެބައިމީހުންނަށް ކަމޭހިތުމާއި އޯގާތެރިވުމަކީ އިސްލާމްދީން އެކަމަކަށް އެންމެ ބޮޑަށް ބާރު އަޅުއްވާ އެއް ކަމެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ﷲ تعالى އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، އޭނާގެ އަވަށްޓެރިންނަށް އިހާނެތިކޮށް ނުހިތާހުށިކަމެވެ.” (صحيح البخاري) އަވަށްޓެރިންގެ ބޭނުންތައް ފުއްދައިދީ، އެބައިމީހުންނަށް އެހީތެރިވުމަކީ މުޖުތަމަޢަށް ޓަކައި އަދާކުރަން ޖެހޭ ވާޖިބެކެވެ. އިހުޒަމާނުއްސުރެ މިއަދާއި ހަމައަށް ވެސް ދިވެހި މުޖުތަމަޢުގައި އެ މަސްއޫލިއްޔަތު އަދާކުރުމުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެނުންނެވެ.

ޢިލްމު އުނގެނިވަޑައިގެން ތިއްބެވި އުޚްތުންގެ މަސްއޫލިއްޔަތު އެހެން ކަނބަލުންނަށްވުރެ ބޮޑެވެ. ސަބަބަކީ އާޚިރަތް ދުވަހު، އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހު މެނުވީ ހުރި ފިޔަވަޅުމަތިން ގުޑުވާ ވެސް ނުލެވޭނެ ސުވާލުތަކުގެ ތެރެއިން އެއް ސުވާލަކީ އަޅާއަށް ލިބިފައިވާ ޢިލްމެވެ. އަދި އެ ޢިލްމަށް ކުރި ޢަމަލެވެ. އާދެ! ދީނީ ޢިލްމު އެކަންޏެއް ނޫނެވެ. ޢިލްމު އޭގެ އެންމެ ފުޅާ މާނައިގައެވެ. އެއީ އިސްލާމްދީން ހުއްދަކުރާ ކޮންމެ ޢިލްމެކެވެ. އިސްލާމްދީން އުނގަންނައި ދިނުމާއި ޓީޗަރުކަމާއި ޑޮކްޓަރުކަމާއި މިނޫން ވެސް މުޖުތަމަޢަށް ފައިދާހުރި ކޮންމެ ޢިލްމެކެވެ. މިއިން އެއްވެސް ޢިލްމަކީ ހަމައެކަނި ތިބާއާއި ތިބާގެ އާއިލާއަށް ޓަކައި އުނގެނޭ ޢިލްމެއް ކަމުގައި ނުހަދާށެވެ. މުޖުތަމަޢު އިސްލާޙުކޮށް، ބިނާކުރުމަކީ ކޮންމެ ޢިލްމެއް އުނގެނުމުގެ އެންމެ މުހިންމު އެއް ހަދަފުކަމުގައި ހަދާށެވެ. މިއަދު ވެސް މިއިން ވަރަށް ގިނަ ދާއިރާތަކުގެ އެންމެ އުހުގައި ތިބީ އަންހެނުން ކަމުގައި ވުމީ ޢިލްމީގޮތުން މުޖުތަމަޢު ބިނާކުރުމުގައި އެ މީހުންގެ ހިއްސާ ދައްކުވައިދޭ އެއް ތަރާދެވެ.

މީގެ އިތުރުން ވެސް މުޖުތަމަޢެއް ހެޔޮގޮތުގައި ބިނާކޮށް އިޞްލާޙްކުރުމުގެ ހަމަ ކޮންމެ މަސައްކަތަކީ ވެސް އަންހެނުންގެ ދައުރު އޭގައި ހިމެނިގެންވާ ކަމެކެވެ. މިއަދު އަޅުގަނޑުމެން އަންހެނުން، އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ސުވާލުކުރަންވީ މުޖުތަމަޢެއް ބިނާކުރުމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އެބަ އަދާކުރެވޭތޯއެވެ. އާޚިރަތް ދުވަހު މި މަސްއޫލިއްޔަތާ މެދު ކުރެވޭނެ ސުވާލަށް ޖަވާބުދޭން އަޅުގަނޑުމެން ތައްޔާރުތޯއެވެ.

ނޯޓް: މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْآخر މަހުގެ 28 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 48ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الشَّيْخَة عَائِشَةُ رِيْـمَا ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ