ސްކޫލްތައް ފިޔަވާ، އުނގަންނައިދޭ އެހެނިހެން ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގައިފިއެވެ. މިކަމާގުޅޭ ޤަވާއިދު މިހާރުވަނީ ގެޒެޓްގައި އާއްމުކޮށްފައެވެ.
“ސްކޫލް ފިޔަވާ ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓްރީކުރުމާ ހިންގުމުގެ ގަވާއިދު“ގެ ނަމުގައި އެކުލަވާލާފައިވާ ގަވާއިދަކީ ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ. މިގަވާއިދުގެ މަޤްޞަދަކީ، ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމާއި ހިންގުމުގައި ޢަމަލުކުރާނެ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ.
މި ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ތަންތަން:
- ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން
- ޕްރީ ސްކޫލާއި ޅަފަތުގެ ތަޢުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން
- ޓިއުޝަންދޭ ތަންތަން
- ޤުރުއާން ކްލާސްތައް
- ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ތަމްރީންދޭ ތަންތަން
- 18އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ އެހެނިހެން ތަންތަން
މީގެތެރޭގައި އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަންވެސް ހިމެނެއެވެ.
އަލަށް އާއްމުކުރި ޤަވާއިދުގައި ބުނާގޮތުން މިޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރާއިރު، މިނިސްޓްރީން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ބަލާނެއެވެ. އެގޮތުން ކިޔަވައިދޭ ތަންތަނުގައި ކިޔަވައިދޭ ޕްރޮގްރާމްތަކާއި މިންގަނޑުތަކަށްވެސް ބަލާނެއެވެ.
މި ޤަވާއިދު ގެޒެޓްކޮށް، ޚިދުމަތްދޭ ތަންތަނުން މިޤަވާއިދަށް ޢަމަލުކުރަމުން ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މިހާރުވަނީ އަންގާފައެވެ. އަދި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަންތަން ދެ މަސްދުވަގެ ތެރޭގައި، މި ޤަވާއިދާ އެއްގޮތަށް ރަޖިސްޓްރީކުރުމަށްވެސްވަނީ އަންގާފައެވެ. އަދި މިހާރުވެސް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަންތަން، ޤަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް 20 ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ.
ޤަވާއިދުގައިވާ ގޮތަށް ރަޖިސްޓްރިކުރުމާއި ނުލާ ހިންގާ ތަންތަނާމެދު ފިޔަވަޅުއަޅާ، އެފަދަ ތަންތަން ވަގުތުން ބަންދުކުރުމަށް އެންގުމާ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމުގެ ބާރު މިގަވާއިދުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބެއެވެ.
މަތީ ތަޢުލީމާ ތަމްރީންދޭ މަރުކަޒުތައްވެސް ރަޖިސްޓްރީކުރުގެ ޤަވާއިދުވެސް މިމަހުގެ 6ވަނަ ދުވަހު އާއްމުކޮށް، އެއަށް ޢަމަލުކުރަންވަނީ ފަށާފައެވެ.


