ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިއްޖެ

ޚަބަރު ފަހުގެ

ބ އަތޮޅު ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް 20 ނޮވެމްބަރ 2021 ވަނަ ދުވަހު ނިމިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން 45.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލު ކުރި މި މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށި ލުމާއި، 214 މީޓަރު އެއްގަމު ތޮށި ލުމާއި،317 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރު ޕޭވްމެންޓް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތުގެ އިތުރުން، ބަނދަރާއި ރަށާއި ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި، ސެޓުލްމަންޓް ޓޭންކު ހެދުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވިފައި ވާކަމަށް އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

”މި މަޝްރޫއުގެ މަސައްކަތުގައި ފެހެންދޫގައި ކުންފުނިން ހޭދަކުރި މުއްދަތުގެ ތެރޭގައި ފެހެންދޫއަށް ބޭނުންތެރިވެފައިވާ ގިނަކަންކަމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދެވިފަ. މިގޮތުން، އިޖްތިމާއީ ޒިންމާގެ ދަށުން، ފެހެންދޫ ދޯނިއެހެލާ ސަރަހައްދު ފުންކޮށްދިނުމާއި، ވިއްސާރަވެ ފެންހެދޭ ސަރަހައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްދިނުމާއި، ރައްޔިތުން މޫދަށްއެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕްއެއް ގާއިމްކޮށްދިނުމާއި، ހިއްކާފައިވާ ސަރަހައްދުގައި ރުއް އިންދުމާއި، ކުނި މެނޭޖްކުރާ ސަރަހައްދު ސާފުކޮށްދިނުންފަދަ އިޖްތިމާއީ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފަ.“ އެމްޓީސީސީން ބުންޏެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ