ހަނިމާދޫ ބަނދަރުގެ އައު ކުރެހުމެއްގެ ކޮޕީއެއް ގޮށްކޮޅަށް ލިބިއްޖެއެވެ.
ގޮށްކޮޅަށް ލިބުނު ކުރެހުމުގައިވާ ގޮތުން ހަނިމާދޫ ބަނދަރުގެ ބޭރު ތޮށި ހަދަން ނިންމާފައިވަނީ މެދަށް ވެލިއަޅާ ދެފަރާތުގައި ހިލަ ޖައްސައިގެންނެވެ.
ނަމަވެސް ހަނިމާދޫ ކައުންސިލަށް އިންތިހާބުވި އެމްޑީޕީ 4 މެންބަރުން އެ މަގާމަށް އައީ މަސްވެރިން ބޭނުންވާ ގޮތަށް ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭހެން ރިވެޓްމަންޓް ޖަހައިގެން ބޭރުތޮށި ހެދޭނެކަމުގެ ހުވަފެން ދައްކައިގެންނެވެ.
މީގެ ކުރިންވެސް ހަނިމާދޫ ބަނދަރު ކުރެހުމެއް ލިބިފައިވެއެވެ. އޭގައި ވަނީ މަސްވެރިން އެދުނުހެން ބޭރުތޮށި ޑިޒައިން ކޮށްފައެވެ. އަދި އެކުރެހުމާ އެއްގޮތަށް ބަނދަރު ހަދަން ޕްލޭނިން މިނިސްޓްރީން ދެކޮޅު ހަދާކަމަށް ކައުންސިލް މެންބަރަކު ބުނެފައިވެއެވެ.
މިފަހަރު ލިބިފައިވާ ކުރެހުމާ ގުޅޭގޮތުން ޕްރޮޖެކްޓްތަކާއި ހަވާލުވެގެން ހުންނަ ކައުންސިލް މެންބަރ އަލީ އިބުރާމް ވިދާޅުވީ މިފަދަ ކުރެހުމެން ލިބުނުކަމަށާ ކައުންސިލުން އެ ކުރެހުމަށް ރުހުންދޭން އެދިފައިވާ ސިޓީއެއް އެ ކުރެހުމާއެކު ލިބިފައިވާކަމަށެވެ.

“އަޅުގަނޑު އެ ކުރެހުމާ ނުރުހެން، އަޅުގަނޑުމެން ބޭނުން ވަނީ ބޭރު ތޮށި ބޭނުން ކުރެވޭގޮތަށް ކީވޯލް ޖެހެން، އެހެން އިންނާނެ އެގޮތަށް ސިޓީން ދަންނަވާފައި” ކައުންސިލް މެންބަރ އަލީ އިބުރާހިމް
2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.
އެމްޑީޕީ މަޖިލީސް މެންބަރަކާ އެމީހުންގެ ސުޕަރ މެޖޯރިޓީ ކައުންސިލެއް އޮތްއިރުވެސް ހަނިމާދޫ ބަނދަރު ކަންތައް މިދަނީ ފިނިހަކަ ދުވެލީގައެވެ. ކައުންސިލް މެންބަރުން ދެއްކި ފޮނި ވާހަކަތައް ދިމާނުވާ އެތައްކަމެއް ފެނިގެން އެބަދެއެވެ.
ހަނިމާދޫ ބަނދަރަކީ ހަނިމާދޫ ރައްޔިތުންގެ އިތުރުން އެހެން ރަށްތަކުގެ ގިނަ އަދަދެއްގެ މީހުން ބޭނުންކުރާ ބަނދަރެކެވެ. އެހެންކަމުން ބަނދަރު ނުނިމި ލަސްވުމުގެ ސަބަބުން އެކަމުގެ ގޮންޖެހުންތަކާ ގިނަ ބަޔަކު މިވަނީ ކުރިމަތިލާން ޖެހިފައެވެ.
މަޖިލީހުގެ އިންތިހާބުގައި އަދި ކައުންސިލު އިންތިހާބުގައިވެސް ވިއްކި އެންމެ ބޮޑު ޝިޢާރަކީ ވެެރިކަންކުރާ ޕާޓީއަށް ގޮނޑި ދިނުމުން ސަރުކާރާ ގުޅިގެން ފަސޭހައިން ކަންކަން ކުރެވޭނެކަމެވެ. އިދިކޮޅު ހޮވިއްޖެނަމަ ކަންކަންކުރަން ދަތިވާނެއޭއެވެ. އެހެންކަމުން ޕްލޭނިން މިނިސްޓްރީއާ ކައުންސިލާ ހިޔާލު ތަފާތުވެގެން ނުވާނެތާއެވެ. ޕްލޭނިންއިން ނުރުހެނީއޭ ކިޔާ ބަނދަރު ނުހެދި ލަސްވަނީއޭ ބުނެ ބަހާނާވެސް ދައްކައިގެންވެސް ނުވާނެތާއެވެ.


