ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 30 އަށް ހުޅުވާލާފައި ވާކަމަށެވެ. އެދުވަސްތަކުގައި ފޯމް ދޫކުރުން ކުރިއަށް ދާނެކަމަށެވެ.
އަދި ފޯމު ބަލައިގަތުން އޮންނާނީ 02 ޖެނުއަރީ 2022 އިން 19 ޖެނުއަރީ 2022 ގެ 13:00 ގެ ނިޔަލަށް ކަމަށްވެސް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކެއްގެ ސާފުކޮޕީ ފޯމާއިއެކު ހުށަހަޅަން ވާނެކަމަށާއި ފުރިހަމަ ނުކުރެވޭ ފޯމުތަކާއި ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅުއްވާ ފޯމުތައް ބަލައިނުގަންނާނެ ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަަކަކީ މިވަޤުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެކަމަށއ އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި ފޯމް ހުށަހަޅާއިރު އައިޑީކާޑުގެ ކޮޕީއާއި، 6 މަސް ދުވަހުގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓާއި، ކައިވެނީގެ ސެޓްފިކެޓާއި، އާމްދަނީގެ ގޮތުގައި ލިބޭ މުސާރައިގެ ތަފްޞީލު އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި ފޯމު ހުށަހަޅާ ފަރާތަކީ ކުއްޔަށް އުޅޭ ފަރާތެއްނަމަ ކުލީގެ މިންވަރު އެނގޭނެ އެގްރީމެންޓުގެ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ރަޖިސްޓަރީކުރާނަމަ އައިޑީ ކާޑާއެކު އުފަންދުވަހުގެ ސެޓިފިކެޓުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށާއި، 18 އަހަރު ފުރުނު ނަމަވެސް ތަޢުލީމު ހާޞިލްކުރަމުންދާ ދަރިވަރެއްނަމަ، އެ ދަރިވަރަކު ތަޢުލީމު ޙާސިލުކުރާ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމެއްގެ ތައްގަނޑުޖެހި ކޮޕީއެއް ހުށަހަޅަން ޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


