މިދުވަސްވަރު ޖައްވު ނުސާފުކޮށް ފެންނަނީ އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ރާއްޖެއަށް ފޯރާ ހިރަފުހާއި ދުމުގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޖައްވު ފެންނަނީ ވަރަށްވެސް ފުސްކޮށެވެ. މާލޭގައި ތިބޭ އިރު ހުޅުމާލެ އަދި ވިލިމާލޭވެސް ފެންނަނީ ވަރަށް ފުސްކޮށެވެ.
މެޓް އޮފީހުން މިއަދު ބުނީ، އާންމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެ ތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 4-5 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.
އަދި އެއީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ، އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށާއި އެކަމުގެ ސަބަބުން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވާ ކަމަށް ބުންޏެވެ.
މެޓް އޮފީހުން ބުނީ، އެކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެންބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ.
އަދި އެ ހިރަފުހުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުދަނގޫވުން ގާތް ކަމަށާއި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.


