ހުޅުމާލޭގެ ބިމުގެ ދަރަނި ނުދެކިއްޖެނަމަ ރާއްޖޭގެ އަތުން އެ ބިން ބީވެގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މުޅި ހުޅުމާލެ ބިމުގެ ދަރަނީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އެބައޮތް ކަމަށާއި އެ ދަރަނި އަނބުރާ ދައްކަންޖެހެނީ ޗައިނާ އަށް ކަމަށެވެ.
“އެ ދަރަނި ނުދެކިއްޖެނަމަ އެ ބިން ރަހުނުކޮށްފައި އޮތަތީ، އެ ބިމުގެ ހައްގު އަޅުގަނޑުމެން އަތުން ބީވެ ހިނގައިދާނެ” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހުޅުމާލޭގައި އަޅާފައިވާ 7،000 ފްލެޓުގައި އުޅެމުންދާ މީހުން ކުލީގެ ގޮތުގައި ދައްކާ ފައިސާ އިން އެ ދަރަނި ފޫނުބެއްދޭ ކަމަށާއި އަދި ހުޅުމާލޭގެ އިތުރު ބިން ވިއްކައިގެން ވެސް ފޫބެއްދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޗައިނާގެ ގިނަ ލޯނުތަކަކީ ދެކޮޅު ނުޖެހޭ ގޮތަށް އަދި އަގުބޮޑުވާ ގޮތަށް އުފެއްދިފައި ހުރި ލޯނުތަކެއް ކަމަށާއި ދަރަނި އުފެއްދި ހަރުމުދަލުން ދަރަނި އަދާނުކުރެވޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
“އަޅުގަނޑުމެން ކުރިމަތީގައި ކޮޅުނބުގައި އެބައޮތް ޕޯޓް ސިޓީ ކިޔާ މި ބާވަތުގެ ތަނެއް. ހަމަ އެއްބާވަތެއްގެ ގާނޫނީ އޮނިގަނޑެއްގައި ތަރައްގީކޮށްފައި، ހަމަ އެއްބާވަތެއްގެ ދަރަނި ހަމަ އެއްތަނަކުން ނަގައިގެން ހަދާފައި. އެތަން ދެކޮޅު ނުޖެހޭނެކަން ކޮޅުނބު މީހުންނަށް ވެސް އިނގޭ” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ހުޅުމާލޭގެ ބިމުން ދަރަނި އަދާކުރުމަށް މުޅި ރާއްޖޭގެ އިގްތިސާދު ބާރުވާންޖެހޭ ކަމަށާއި ހުޅުމާލޭގެ ދަރަންޏަށް އެކަނި ވެސް އިގްތިސާދުގެ ދޮޅު ޕަސެންޓް ބޭނުންވާ ކަމަށްވެސް ވިދާޅުވެފަ އެވެ.


