ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހި ބޭސްގަނޑެއްހެން މުޅި ގައިގައި “އިންޑިއާ އައުޓް” ބަނދެލައިގެން ހުރެ ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއް ކަމަށެވެ.
ރާއްޖެ އަށް އެންމެ އިހުލާސްތެރި އަވަށްޓެރި ގައުމަކީ އިންޑިއާ ކަމަށާއި އެގައުމުން ރާއްޖެ އަށް ކޮންމެ ކަމެއްގައި ވެސް އެހީތެރިކަން ދެމުން އަންނައިރު ކުއްލިއަކަށް “އިންޑިއާ އައުޓް” ގޮވަން ފެށުމުން އިންޑިއާ ރައްޔިތުންގެ ހިތްތަކުގައި ދިވެހިންނާއި މެދު އޮތް ގަދަރާއި އިހުތިރާމް ބަދަލުވެގެންދަނީ ނަފްރަތާއި ރުޅިވެރިކަމަށް ކަމަށް ހަސަން ވިދާޅުވި އެވެ.
އެގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި ހުންނަ ގުޅުންތައް ގޯސްވުމުން ކަންތައްތައް ވެގެންދާ ގޮތް ޔާމީންގެ ސަރުކާރުގައި ފެނިގެންދިޔަ ކަމަށާއި އެ ރީތި ގުޅުންތައް މި ސަރުކާރުން އައިސް އަލުން އަނބުރާ އިޔާދަކޮށްފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ޔާމީނަށް ދެވަަ ފުރުސަތެއް ދެވިގެން ނުވާނެ ކަމަށާއި މިހާރު އިދިކޮޅުން ކުރަމުންދަނީ ކަނޑައެޅިގެން ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިކަން ހުއްޓުވަން ހަސަން ވަނީ ސަރުކާރަށް ވެސް ގޮވާލާފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ.


