ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާއިރު ސީޓް ބެލްޓް އެޅުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަޖުބޫރުކޮށްފިއެވެ.
އެ މިނިސްޓްރީން މިރޭ ބުނީ، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފޮރުޅުލީ އުޅަނދު ދުއްވާއިރު، ދުއްވަން އިންނަ މީހާއާއި ކުރީ ސީޓުގައި އިންނަ މީހާ ސީޓް ބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.
އެ ގަވާއިދަށް އަމަލުކުރަން ފަށަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ. އެހެން ކަމުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ މީހުން އެ ގަވާއިދަށް އަމަލުކުރުމަށް ދަންނަވާފައި ވެއެވެ.
ސީޓް ބެލްޓް އެޅުމަކީ މަގުމަތީގައި ދިމާވާ އެކްސިޑެންޓުތަކުގައި ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން، ސީޓް ބެލްޓް އަޅައިގެން އިންނަ ނަމަ ތަނެއްގައި ޖެހޭ ވަގުތު ނުވަތަ ބާރު ސްޕީޑުގައި ދުއްވާފައި ދާއިރު ކުއްލިއަކަށް ސްޕީޑު މަޑުކޮށްލާ ވަގުތު ލިބިދާނެ ގެއްލުމަކުން ރައްކާތެރި ވުމުގެ ފުރުސަތު ބޮޑެވެ.


