ޣައިރު މުސްލިމުންގެ ގިނަ ބަޔަކު، މުސްލިމުންގެ ޢީދުތަކުގައްޔާއި އެނޫން ދީނީ މުނާސަބާތުތަކުގައި، މުސްލިމުންނަށް ތަހުނިޔާކިޔައެވެ. މިފަދައިން ޣައިރު ދީންތަކުގެ އަހުލުވެރިން މުސްލިމުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުމަކީ، މުސްލިމުން ވެސް އެ މީހުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔަންޖެހޭ ސަބަބެއް ކަމުގައި ބައެއް މީހުން ދެކެއެވެ. އަދި އެ ކަމަކީ ތިމާމެންގެ ތަހުޒީބުކަމާއި އެކުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ވެސް އެފަދަ މުސްލިމުން ޤަބޫލު ކުރެއެވެ.
ކާފިރުންނަށް ޚާއްޞަވެގެންވާ، އެ މީހުންގެ ދީނީ ޢީދުތަކުގައި ތަހުނިޔާ ކިޔުމަކީ މުސްލިމުންގެ މައްޗަށް ޙަރާމް ކަމެއް ކަމުގައި ދަންނަބޭކަލުންވަނީ އިއްތިފާޤުވެލައްވާފައެވެ.
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. “ކުފުރުގެ އަހުލުވެރިންނަށް ޚާއްޞަ، އެ މީހުންގެ ދީނުގެ ޝިޢާރުތައް، މިސާލަކަށް އެ މީހުންގެ ޢީދުތަކާއި ރޯދަހިފާ ދުވަސްތަކުގައި ތަހުނިޔާ ކިޔުމަކީ މުސްލިމުންނަށް ޙަރާމް ކަމެއް ކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އެފަދައިން އެ މީހުންގެ ޢީދެއްގައި ތަހުނިޔާ ކިޔާ މީހާ ކުފުރުން ސަލާމަތްވެގެން ވީ ނަމަވެސް، އެ ކަމަކީ ޙަރާމް ކަމެއް ކަމުގައި މެނުވީ ނުވެއެވެ. އޭގެ މިސާލަކީ އެ މީހުން ޞޮލީބަށް އަޅުކަން ކުރާތީ ތަހުނިޔާ ކިޔުންފަދަ ކަމެކެވެ. އަދި އެ ކަމަކީ މާތް ﷲ ގެ ޙަޟްރަތުގައި ފާފައިގެ ގޮތުން ނުހަނު ބޮޑުވެގެންވާ ނުބައި ޢަމަލެކެވެ. އެއީ މީހަކު ބަނގުރާ ބޯތީ، ނުވަތަ މީހަކު މަރާފައިވާތީ، ނޫނީ ޒިނޭ ކުރާތީ، އެފަދަ ކަމެއް ކުރި މީހަކަށް ތަހުނިޔާ ކިޔުމަށްވުރެ ފާފަވެރިކަން ބޮޑު ކަމެކެވެ. އަދި އެ ބައެއްގެ ގާތުގައި ދީނުގެ މާބޮޑު އަގެއް ނެތް ކަމަށް ދެކޭ ގިނަ މީހުން، މިފަދަ ދުވަސްތަކުގައި ޣައިރު މުސްލިމުންނަށް ތަހުނިޔާ ކިޔައި އުޅެއެވެ. އަދި އެ މީހުންނަށް އެ ކުރެވޭ ޢަމަލުގެ ނުބައިކަން އެ މީހުންނަށް ނުވިސްނެއެވެ. ފަހެ، އަޅުތަކުންކުރެ މީހަކު، ފާފައަކަށް ނުވަތަ ބިދުޢައަކަށް ނުވަތަ ކުފުރުގެ ޢަމަލަކަށް އަރައިގަތުމުން އެ ކަމަށް ތަހުނިޔާ ކިޔާ މީހާއަށް މާތް ﷲ ގެ ކޯފާއާއި އަޒާބު ޙައްޤުވެގެންވެއެވެ.”
މި ބަސްފުޅުގައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވާ ފަދައިން، ޣައިރު ދީންތަކުގެ މީހުންގެ ޢީދުތަކުގައި އެ މީހުންނަށް ތަހުނިޔާ ކިޔުމަކީ އެ މީހުންގެ ކުފުރަށް ރުހެވޭ ރުހެވުމެކެވެ. އަދި މުސްލިމަކު އެ މީހުންގެ ކުފުރަށް ނުރުހުން ވިއެއް ކަމަކު، ޣައިރު ދީންތަކުގެ މީހުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުމަކީ ޙަރާމް ކަމެކެވެ.
މާތް ﷲ އެކަލާނގެ ފޮތުގައި އަންގަވައި ވަޙީކުރައްވާފައިވެއެވެ. ﴿إِن تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنكُمْ وَلَا يَرْضَى لِعِبَادِهِ الْكُفْر﴾ (الزمر: 7) މާނައީ: “ތިޔަބައިމީހުން ކާފިރުވާ ނަމަ، ފަހެ ﷲ އީ، ތިޔަބައިމީހުންގެ ކިބައިން ދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުތަކުން ކާފިރުވުމަކަށް އެކަލާނގެ ރުހިވޮޑިގެން ނުވެތެވެ.” (ބައްލަވާ: مجموع فتاوى ورسائل الشيخ ابن عثيمين 3/369)
ނޯޓް: މިއީ هــ ۱٤٤۳ އަހަރު جُمَادَى الْأُوْلَى މަހުގެ 20 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 51ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


