ޅ އަތޮޅު މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓް އަށް ޓެސްޓު ފްލައިޓް މިއަދު ޖައްސައިފިއެވެ.
އެގޮތުން މިއަދުގެ ހެނދުނު 10:00 ހާއިރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތް ނަހުލާ އާއި ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިން ހިމެނޭ ޓީމެއް ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެ އެއާޕޯޓް އަށް ޖައްސާފައެވެ. އެބޭފުޅުންނަށް މަރުހަބާ ދެންނެވީ، ޗަމްޕާ ބްރަދާސްގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)އެވެ.
2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ސަރުކާރުން 11 މިލިއަން ޑޮލަރަށް މި އެއާޕޯޓް ތަރައްގީ ކުރުމަށް ހަވާލު ކުރީ، ކުރެއްދޫ ހޯލްޑިންގްސްއާއި އެވެ.
މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކު ވެސް މިހާރު ނިންމާފައި ވާއިރު، އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް މި އަހަރުގެ މެދު ތެރޭގައި އެ އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. މަޑިވަރު އެއާޕޯޓުގައި އޮންނަނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.
އައިލެންޑް އޭވިއޭޝަނާ މަޑިވަރު އެއާޕޯޓު ހިންގަން ހަވާލު ކުރުމުގެ މަޝްވަރާތައް މީގެ ކުރިން ކުރި ނަމަވެސް އެއާޕޯޓު ހިންގަން ސީދާ ހަވާލުކުރާނެ ބަޔަކު އަދި ނިންމާފައެއް ނުވެއެވެ.


