ތަރައްޤީވެފައިވާ ޤައުމަކާއި ހިސާބަށް ރާއްޖެ ގެންދެވުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރެއްގައި ވެރިކަމުގައި ހުންނަވާނެކަމަށް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިލް އައިލެންޑް އެ ރަށު ކައުންސިލާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
އަސްލަމަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ކޮންސްޓްރަކްޝަން މިިނިސްޓްރީއާއި، ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި ހައުސިން މިނިސްޓްރީ ހިންގެވި ބޭފުޅެކެވެ. ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މިއަދުގެ ސަރުކާރުގައި ތަރައްޤީޤެ މަޝްރޫޢުތައް ކުރިއަށްދާހައި ބާރު ސްޕީޑާއި އެއްވަރަށް މަޝްރޫޢުތައް ހިންގި ދުވަަސްވަރެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ 18 ބިލިއަނުން ވެސް ރާއްޖޭގެ ޢުމްރާނީ ތަރައްޤީ ނުނިމޭނެ ކަމަށާއި، ތަރައްޤީވެފައިވާ ޤައުމަކަށް ވަންދެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގައި ދެމިިތިބެން ބޭނުންކަމަށާއި، ސަރުކާރުން މިހާތަނަށް ހިންގި މަޝްރޫޢުތަކުގެ ބާކީ މަސައްކަތްތައް ކުރުމަށް ރައީސް ޞާލިޙް ދެމި ހުންނަވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ތަރައްޤީވެފައިވާ ޤައުމަކާއި ދިމާއަށް ކައިރިވާ ހިސާބަށް ރާއްޖެ ގެންދަން ކުރިއަށް އޮތް ފަސް އަހަރުގައި ވެސް ރައީސް ޞާލިޙް ހުންނަވާނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިންގި ޢުމްރާނީ މަޝްރޫޢުތަކުގެތެރެއިން މިހާތަނަށް 1.86 ބިލިއަން ރުފިޔާ މަޝްރޫޢު ވަނީ ނިމިފައެވެ. ހަމައެއާއެކު 16.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް މިހާރު ހިނގަމުންދާ ކަމަށެވެ.


