ސިޔާސީ ޕާޓީތަކުން މެންބަރުން އިތުރުކުރަން ވަގު ފޯމު ހުށަހަޅާ ކަމަށާއި އެކަން ބެލޭނެ ނިޒާމެއް ގާއިމުކުރެވިފައި ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
“ސަންގު ޓީވީ”ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ މެންބަރުން އިތުރުކުރުމުގެ ބޭނުމުގައި ހުރިހާ ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ ތެރޭގައިވެސް ވަގުފޯމު ހިމެނޭކަމަށާއި އަލަށް ޕާޓީ އުފެދިގެން އަންނައިރު ގިނަ އަދަދެއްގެ ފޯމުތައް އީސީއަށް ހުށަހަޅާއިރު ބައެއް މީހުންގެ ފަރާތުން ޝަކުވާވެސް ލިބެމުން އަންނަކަމަށެވެ.
ފުއާދު ވިދާޅުވީ އީސީއަށް ހުށަހަޅާ ފޯމުތައް ވަކިވަކިން ޗެކްކުރުމުގެ އުސޫލެއް ގާއިމުކުރެވިފައި ނެތް އިރު ހުށަހަޅާ ފޯމުތަކަށް ޒިންމާވާން ޖެހޭނީ އެ ޕާޓީއަކުން ކަމަށެވެ. އެގޮތުން ޕާޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމުގައި އޮންނަނީ ޕާޓީގެ ޒިންމާދާރުވެރިޔަކު ސޮއިކުރަން ކަމުގައި ފުއާދު ފާހަގަކުރައްވާފައިވެއެވެ. ފުއާދު ވިދާޅުވީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި ޕާޓީއަށް އަލަށް ސޮއިކުރާ ފަރާތާއި، އޭނާ ސޮއިކުރިކަމުގެ ދެ ހެކިވެރީންގެ ސޮއިގެ އިތުރުން ފޯމުތައް ހިފައިގެން ޕާޓީގެ ފަރާތުން އަންނަ މީހާ އިގުރާރެއްގައި ސޮއިކުރަން ޖެހޭ ކަމަށާއި އިގުރާރުގައި އޮންނަނީ އެ ފޯމުތަކުގައި ހަގީގަތާ ހިލާފު ވާހަކެއް ނެތް ކަމަށް އިގުރާރުވާން ކަމަށެވެ.
މީގެއިތުރުން ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރަނީސް ޕާޓީއަކަށް ރަޖިސްވެފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ މީހަކަށް ލިބިގެން ވާކަމަށާއި އީސީން ދެވެން އޮތް އެއްބާރުލުމެއްވެސް ދޭނެކަމަށެވެ. އަދި އެފަދައިން މައްސަލަ އެއް ހުށަހަޅައިފިނަމަ އެ މީހަކަށް އިތުބާރުކޮށް މައްސަލަ ބަލާފައި އެއީ ވަގު ފޯމެއްކަން ޔާގީންވުމުން ޕާޓީގެ ދަފުތަރުން އުނިކޮށްދޭނެ ކަމަށާއި ވަގު ފޯމު ހުށަހެޅި މައްސަލައިގައި ސިޔާސީ ޕާޓީއަކާ ދެކޮޅަށް ޝަރުއީ ކޯޓަކަށް ނުވަތަ ފުލުހަށް މައްސަލަ ޖައްސަން ބޭނުންވާ ފަރާތްތަކަށް އީސީގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަ ފުއާދު ވިދާޅުވިއެވެ.


