މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 85 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“މުދަލު ޒަކާތް ދެއްކި ފަރާތްތަކުގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާށި” މިނިސްޓަރު ވިދާޅުވި އެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.


