ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށާއި އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ގިނައިން ލޮނު ޕެކެޓް، ފެން އަދި ސޫޕް، ފަދަ ދިޔާތަކެތި ބޭނުން ކުރަންޖެހޭ ކަމަށާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމަތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލު ކުދިން ސްކޫލަށް ނުފޮނުވާ މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރަންޖެހޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ބޭރަށް ހިންގުމާއި ހޮޑުލެވޭނަމަ، އާންމުން އެއްވެ އުޅޭ ޞަރަޙައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.


