ފައިސާ ފޮނުވައިގެން ތިމާ ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އުޟްޙިޔާ ކަތިލުން.

ފަހުގެ ދީން

އަޅުގަނޑުމެން ރަށުގައި އުޟްޙިޔާ ކަތިލުމަކީ ވަރަށް އަގުބޮޑު ކަމެކެވެ. އެހެންކަމުން، ތަންކޮޅެއް އަގުހެޔޮކޮށް ކަތިލެވޭ ގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމަކީ ކޮންކަހަލަ ކަމެއް؟ 

ސުންނަތް ގޮތަކީ ކޮންމެ މުސްލިމަކުވެސް އެމީހަކު ހުރި ރަށެއްގައި އުޟްޙިޔާ ކަތިލުމެވެ. އެހެން ގައުމެއްގައި ކަތިލުމުން ވަރަށް ބައިވަރު މަޞާލިޙްތަކެއް ގެއްލިގެން ދެއެވެ. އޭގެ ތެރޭގައި: 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

  • ތިމާ ދިރިއުޅޭ ގައުމުގެ ﷲ ގެ ޝިޢާރުފާޅު ކުރުމުން ދުރުހެލިވެވުން. 
  • ބޮޑަށް ސުންނަތްވެގެންވާ ގޮތަކި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އަތުން އުޟްޙިޔާ ކަތިލުމެވެ. އެހެން ގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމުން އެ ސުންނަތް އަދާ ނުކުރެވުނީއެވެ. 
  • އުޟްޙިޔާ ކަތިލުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަން ޖެހެއެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލާކަމަށްވަނީނަމަ ކަތިލާމީހުން ﷲ ގެ އިސްމުފުޅު ކީ ކަމެއް ނުވަތަ ނޫން ކަމެއް ނޭގޭނެއެވެ. ނަމަވެސް ތިމާގެ އަމިއްލަ އަތުން ކަތިލާނަމަ އެކަން ޔަގީންވާނެއެވެ. 
  • އުޟްޙިޔާގެ ގޮތުގައި ކަތިލާ އެތިން އެތިކޮޅެއް ކެއުމަކީ ސުންނަތެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ އެ ސުންނަތް އަދާ ނުކުރެވުނީއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ “فَكُلُوا۟ مِنۡهَا وَأَطۡعِمُوا۟ ٱلۡبَاۤىِٕسَ ٱلۡفَقِیرَ” (Surah Al-Hajj 28)  “ފަހެ ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިހާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ!” 

އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

 “فَكُلُوا۟ مِنۡهَا وَأَطۡعِمُوا۟ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ “(46 (Surah Al-Hajj “ފަހެ އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި ސުވާލުކުރާ ފަޤީރުންނާއި، ސުވާލު ނުކުރާ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ!” 

  • ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ އިން ޞަދަގާތް ކުރުން ވާޖިބުވާ ފަދައިން އެއިން ކެއުމަކީވެސް ވާޖިބު ކަމެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ މިކަމުން މަޙްރޫމްވާނެއެވެ. 
  • އެހެން ގައުމެއްގައި ކަތިލުމުން އުޟްޙިޔާ ބަހަން ޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ބެހުމުގެ ފުރުޞަތު ބޮޑެވެ. އުޟްޙިޔާ އިން އެއްބައި ކައިފައި އަނެއްބައި ރަށްޓެހިންނަށް ހަދިޔާކޮށްފައި، އަނެއްބައި ފަގީރުންނަށް ޞަދަގާތް ކުރަން ޖެހެއެވެ. ބޭރު ގައުމެއްގައި ކަތިލައިފިނަމަ އުޟްޙިޔާ ބެހިގެންދަނީ ކޮންގޮތަކަށް ކަމެއް ތިމާއަކަށް ނޭގޭނެއެވެ. 
  • އެހެން ގައުމެއްގައި ކަތިލާނަމަ، އުޟްޙިޔާ ކަތިލެވެނީ އެންމެ ރަގަޅު ގޮތަށް ކަމެއް ނުވަތަ ނޫންކަމެއް ނޭގޭނެއެވެ. ފަހަރުގައި ޢީދު ނަމާދަށްވުރެ ކުރިންވެސް ކަތިލަފާނެއެވެ. ނޫންނަމަ އައްޔާމުއް ތަޝްރީގު ތިންދުވަސް ފަހުންވެސް ކަތިލަފާނެއެވެ. ނޫންނަމަ ބިސްމިﷲ ނުކޔާވެސް ކަތިލަފާނެއެވެ. ނަމަވެސް ތިމާ އަމިއްލަ އަށް ކަތިލާނަމަ މިހުރިހާ ޝައްކާއި ވަހުމް ތަކުން ސަލާމަތްވީއެވެ. 

މި ސަބަބުތަކަށްޓަކައި އުޟްޙިޔާ ކަތިލަންވާނީ އެމީހަކު ދިރިއުޅޭ ރަށެއްގައެވެ. ﷲ ތަނަވަސްކަން ދެއްވާފައިވާ މީހުން ކަތިލާނީއެވެ. ތަނަވަސްކަނ ނެތްނަމަ ކަތިނުލާނީއެވެ.

ޖަވާބު ދެއްވީ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ