ބަދަލު ހިފާނެ ކަމުގެ އިންޒާރު: މަނީ ލޯންޑަރިންގެ ދައުވާ ކުރާނަން!

ޚަބަރު ފަހުގެ ސިޔާސީ

ރާއްޖޭގެ ވެރިކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަށް ދެން ލިބިއްޖެ ނަމަ “ހުރިހާ ކުށެއްވެސް ދެން ދާނީ މަނީ ލޯންޑަރިންގެ ނަމުގައި” ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވެއްޖެއެވެ

ޗެނަލް13 އިން ގެނެސްދިން “އެންމެ ފުރަތަމަ ގައުމު” އެ ޕްރޮގްރާމުގައި ރައީސް ޔާމީން ވަނީ މި ސަރުކާރު އައި ފަހުން ގިނަ އަދަދެއްގެ ފައިސާ އިން ބައެއް ކުންފުނިތަކަށް ބަދަލު ދީފައި ވާތީ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު ބަދަލަކީ ދެވިގެން ވާނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އެގްރީމަންޓު ބާތިލްކުރި ނޫމަޑީގެ މައްސަލަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވިދާޅުވީ ނޫމަޑިއަށް ހަވާލުކުރި މަސައްކަތް ނުކުރެވޭ ކަމަށެވެ. އަދި އެގްރީމަންޓު ބާތިލް ކުރުމާއި ހަމައަށް ގޮސްފައި ވަނީ ބަންޑާރަ ނާއިބުގެ ލަފައާއެކު ކަމަށެވެ. އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރު ނިމިގެން ދިޔައިރުވެސް އެކަމަށް ނޫމަޑިން ދެކޮޅު ހަދާ ބަދަލު ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އާބިޓްރޭޝަން އަކަށް ނުދޭ ރާއްޖޭގެ ކޯޓަކަށް މައްސަލައެއް ނުވަދޭ. ޗެލެންޖެއް ނުކުރޭ. އެ ޗެލެންޖު ކުރެވޭކަށް ނޯންނާނެ އެމީހުންނަކަށް [ނޫމަޑިއަކަށް]، ނޯންނާނެ ޗެލެންޖު ކުރެވޭކަށް. އެއީ ގައުމުގެވެސް ހައްގުތަކެއް އެބައޮވޭ. ދެފަރާތުން އެގްރީމަންޓެއް ކޮށްފައި އެ އެގްރީމަންޓުގައި ހުންނަ ކަންކަމަށް އިހްތިރާމް ނުކުރީމަ ހަމަ ނޯޓިސް ދީފައި ހުއްޓާލާއިރު ކޮމްޕަންޒޭޝަން ދޭން އެގްރީމަންޓުގައި ސީދާ ނުބުނާ ކަމަށްވަންޏާ ކޮމްޕަންޒޭޝަނެއް ނުދޭނެ،” ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ނޫމަޑިއާ އަދިވެސް އެނޫން އެހެން ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދީގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ. އިތުރު މިސާލެއް ދައްކަވަމުން ޔާމީން ވަނީ ކުރީގެ އެމްއީއެސް ހުރި ބިމުގައި ހިންގަމުންދިޔަ މަންދޫ ކޮލެޖަށް ދިން ބަދަލުގެ ވާހަކަވެސް ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ މަންދޫ ކޮލެޖުގެ އެއްވެސް އިންވެސްޓުމަންޓެއް އެތަނުގައި ނޯންނާނެ ކަމަށާއި އެ ބިމަކީ ސަރުކާރުގެ ބިމެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އެތަން ނެގޭނެ ކަމަށް ބުނެފައިވާނެ ކަމަށާއި އެތައް ފަހަރުވެސް ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ކޮލެޖުގެ އެދުމުގެ މަތިން އެތައް ބުރަކަށް މުއްދަތު އިތުރު ކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

“އެކަން ކަމަކީ [ކުންފުނިތަކަށް ބަދަލު ދިނުން] ދެން އަންނަ ބަޔަކު އައިސް މިކަން ހިނގާފައި އޮތީ ކިހިނެއްތޯ މީގެ ބެނިފިޝަރީޒް [ފައިދާ ލިބުނީ] ކޮން ބަޔަކަށްތޯ އަދި އެލާރި ބައިވެގެން ކޮންކޮން ސިޔާސީ ޖީބަކަށްތޯ ދިޔައީ، ސިޔާސީ ޖީބުތަކަށް ދިޔައީމަ މަނީ ލޯންޑަރިން މީގައި ހުރީ ކިހާ ވަރަކަށްތޯ. މިއަންނަ ސަރުކާރެއްގައި މަނީ ލޯންޑަރިން އަކީ ހަމަ ހުރިހާ ކުށެއްވެސް ދާނީ ދެން މަނީ ލޯންޑަރިންގެ ނަމުގައި. އެ ފުރުސަތު [ރާއްޖޭގެ ވެރިކަން] ދެން އިރާދަކުރެއްވިއްޔާ ރައްޔިތުން އަޅުގަނޑުމެންނަށް [ޕީޕީއެމް/ޕީއެންސީ] ދޭނެ،” ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައި އެފަދަ އެއްވެސް ކަމެއް ނުބެލޭނެ ކަމަށެވެ. މަނީ ލޯންޑަރިންގެ ވާހަކަ ޔާމީން ދެއްކެވިއިރު އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ވ. އާރަށު މައްސަލާގައި އެމަނިކުފާނަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ވެސް މަނީ ލޯންޑަރިންއާ ރިޝްވަތުގެ އިތުރު ދައުވާއެއް ކޮށްފައިވެއެވެ. އެއީ ރ. ފުއްގިރި މައްސަލާގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކޯޓުގައި ކުރިޔަށް އެބަދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ