ޑްރަގް އަތުލައިގަންނާތީ ކަންބޮޑުވާ ބަޔަކު އުޅޭ، އެކަމެއް ނުހުއްޓާނަން: ރައީސް

ޚަބަރު ފަހުގެ

ރާއްޖެ އަށް އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަންނާތީ ކަންބޮޑުވާ ބަޔަކު އެބައުޅޭ ކަމަށާއި ކިތަންމެ ކަންބޮޑުވި ކަމުގައި ވިޔަސް އެކަން ހުއްޓާނުލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ނ. ލަންދޫ ބަނދަރު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިތްހަމަޖެހިގެން އަމާންކަމާ އެކީގައި ދިރިއުޅެވޭނީ އިޖުތިމާއީ ގޮތުން ހަމަޖެހޭ މާހައުލެއް ގާއިމު ކުރެވިގެން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގެ އިޖުތިމާއީ މާހައުލުގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ޑްރަގްގެ މައްސަލަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޑްރަގްގެ ވަބާ ނެތް އަދި މިކަން ފެތުރިފައި ނެތް ރަށެއް މިއަދު މަދު ކަމަށެވެ.

“މިކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ ނެޝަނަލް ޓާސްކް ފޯހެއް ހަދައި އެ މަސައްކަތް އަމަލީ ގޮތުން ފަށާފައި. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ މި އަހަރުގެ މެދު ތެރޭގައި އަޅުގަނޑުމެންނަށް ފެންނަ ވަރު ވާނެ.” ރައީސް ވިދާޅުވިއެވެ.

ރާއްޖެ އިން ބޭރުން މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ އިރު، މިކަމުގައި ބޭރުގެ އެހީވެސް ހޯދަމުން އަންނަ ކަން ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިއިން ދުވަހަކު އަތުލައިނުގަންނަ ވަރުގެ ޑްރަގް ރާއްޖެ އަށް އެތެރެކުރަމުން ދަނިކޮށް ވާނީ އަތުލައިގެންފައެވެ.

ރައީސް ވިދާޅުވީ އެހީ ލިބެން އޮތް ހުރިހާ ފަރާތެއްގެ އެހީތެރިކަމާއެކުގައި ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި ރާއްޖެ އަށް އެތެރެ ކުރާ ޑްރަގް ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

“މިކަމާ ކަންބޮޑުވާ ބަޔަކު އެބައުޅޭ. އެއީ ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި ވަގު ވިޔަފާރި އަށް ދެވި ހިފާފައި ތިބޭ ފަރާތްތައް، އެމީހުންނަކަށް ކަމަކު ނުދާނެ މިކަމެއް. ނަމަވެސް އަޅުގަނޑުމެން އެކަމެއް ހުއްޓައެއް ނުލާނަން.” ރައީސް ވިދާޅުވިއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ