އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތު ތަކާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޚަބަރު ފަހުގެ

ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ހާލަތުގައި، އެ ފަރާތްތަކުގެ މައްޗަށް، ޚާއްޞަ އިޖުރާއަތުތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

ގަވައިދު ބުނާ ގޮތުން އެ ގަވައިދަށް އަމަލުކުރަން ފަށާނީ ގަވައިދު ދިވެހި ޜާއްޖޭގެ ގެޒެޓުކުރާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އިއްޔެއިން ފެށިގެން އެ ގަވައިދަން ވަނި އަމަލުކުރަން ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 7-60 ވަނަ މާއްދާގެ (ޅ) އާއި، 9-60 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ގަވައިދު އެކުލަވާލުމުގެ މަގުސަދުތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތައް ބަންދުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުމާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 7-60 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ އިދާރީ ބަންދުގެ މަރުކަޒުތަކުގެ ބާވަތްތައް ބަޔާންކުރުމާއި އެ މާއްދާތަކުގެ ދަށުން ޤާއިމުކުރާ އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް މަރުކަޒުން ލިބެންޖެހޭ ޚިދުމަތްތައް ބަޔާންކުރުމާއި އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރެވޭ ކުޑަކުދިންނާމެދު ޢަމަލުކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤާއި، އާއިލާއާ ބައްދަލުކުރުމުގެ ޙައްޤު ލިބިދެވޭނެ ގޮތް ބަޔާންކުރުމެވެ.

މި ގަވައިދުގެ ދެ ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިދާރީ ބަންދުގެ މަރުކަޒުތަކަށް ގެންނަ މީހުންނާމެދު ޢަމަލުކުރާނެ ގޮތުގައި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު ނުވަތަ އެ ނޫން ގޮތަކަށް އެފަދަ ސަރަޙައްދަކުން އެ މީހުންނާއެކު އަންނަ މީހުންނަކީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތެއް ކަމަށް ބަލައި، އެ ފަރާތެއް މުޖުތަމަޢަށް ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށް ޓަކައި އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރަން މިނިސްޓަރަށް ކަނޑައެޅިދާނެކަމަށް ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގެ ދަށުން ބަންދުކުރާ ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކާއެކު ނުވަތަ އެ ސަރަޙައްދުތަކުން އަންނަ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން ވެސް، އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކުރަންވާނެކަމަށާއި މި މާއްދާގެ (ހ) ގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި މީހަކު ބަންދުކުރުމަށް ކަނޑައަޅަންވާނީ ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށްކަމަށެވެ. އަދި އެ އަމުރުގައި، ބަންދުކުރެވޭ މީހާގެ ފުރިހަމަ މަޢުލޫމާތާއި، އޭނާ ބަންދުގައި ބަހައްޓަންޖެހޭ މަރުކަޒުގެ މަޢުލޫމާތާއި، އެ އަމުރު ތަންފީޛު ކުރަންޖެހޭ ވަގުތު، މިނިސްޓަރު ކަނޑައަޅަންވާނެއެވެ. މި މާއްދާގެ ދަށުން މިނިސްޓަރު ކުރާ އަމުރަކީ، އެ އަމުރު ބާޠިލުކުރެވެންދެން ނުވަތަ ބަދަލުކުރެވެންދެން ދެމިއޮންނާނެ އަމުރެއްކަމަށާއި އަދި އެއީ ފުރިހަމަ ޤާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗެއްކަމުގައިވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ގަވައިދުގައި ބުނެފައިވަނީ އެފަދަ މީހަކު އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާނަމަ، އެފަދައިން ބަންދުކުރެވޭ މީހަކު، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކޮށްފައި ބެހެއްޓިދާނެކަމަށެވެ.

ގަވައިދު ބުނާގޮތުން ހަނގުރާމައިން އަނބުރާ އަންނަ މީހުން ބަންދުކުރުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތްތައް ބަންދުކުރާނީ ފިރިހެނަކުނަމަ، ފިރިހެނުންނަށް ޚާއްޞަ ބަންދުގެ މަރުކަޒުގައިކަމަށާއި އަންހެނަކުނަމަ، އަންހެނުންނަށް ޚާއްޞަ ބަންދުގެ މަރުކަޒުގައިކަމަށާއި އަދި ކުޑަކުއްޖެއްނަމަ، ކުޑަކުދިންނަށް ޚާއްޞަ ބަންދުގެ މަރުކަޒުގައިކަމަށެވެ. ނަމަވެސް ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން އެ ކުދިންގެ ބެލެނިވެރިއަކާ އެކުގައި އެފަދަ މަރުކަޒެއްގައި ބޭތިއްބުމަށް ކަނޑައެޅިދާނެކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައި ބަޔާންކޮށްފައިވަނީ ހަނގުރާމައިން އަނބުރާ އަންނަ މީހުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޞިއްޙީ ފަރުވާއާއި ނަފްސާނީ ޞިއްޙަތުގެ މާހިރުން މެދުވެރިކޮށް ލިބިދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަމަށާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ހޯދައިދޭން ޖެހޭނެކަމަށެވެ.

އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ޓަކައި، އެ ކުދިން އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚްތިޔާރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެންވާކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ