އެމްޑީޕީއާ ވާދަވެރި ފަރާތްތަކުގެ ވައުދަކީ ރާއްޖެތެރެ އުވާލާ އެންމެން ހުޅުމާލެ އަށް ގެނައުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ވާދަވެރިން ވައުދުވަމުން އަންނަނީ ކޮމަންޑޫ ވެސް އުވާލުމަށާއި އަދި މުޅި ރާއްޖެތެރެ ވެސް އުވާލާ އެންމެން ހުޅުމާލެ ޖަމާކުރާނެ ކަމަށެވެ.
އެގޮތުން ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދޫ އަށް އިދިކޮޅުގެ ސިޔާސަތެއް ނެތް ކަމަށާއި އަދި އެފަދަ ސިޔާސަތެއް އެކުލަވާލާނެ ގޮތެއް ނެތްކަން ސާފުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ނަޝީދު ވަނީ ސަރުކާރުން ބައެއް ކަންކަން ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ނުދާތީ ޝަކުވާ ހުރިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ އެމްޑީޕީ ދޫކޮށްދާންޖެހޭ ސަބަބެއް ނޫން ކަމަށާއި އެއްހޮރަކުން ދެފަހަރު ކަށި ޖެހިޔަ ދީގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.


