އަލްމަރުހޫމާ ރަޝީދާ އަބުދުލް ޢަފޫރު ހަނދާނުގައި ހަނިމާދޫ މަސްޖިދުލް ނޫރުގައި އެއަރ ކޮންޑިޝަނަރ ހަރުކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި އެ މިސްކިތުގައި ހަރުކުރުމަށް 24000 ބީޓީޔޫގެ ދެ އެސީ އަބްދުލް މަންނާން އިބްރާޙިމް ވަނީ ހަދިޔާ ކޮށްދެއްވާފައެވެ.
މި ތަކެތި ހަދިޔާ ކޮށްފައިވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ބައްދަލު ކުރެއްވުމުގައެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ތަކެއްޗާ ހަވާލުވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަނެވެ. މިބައްދަލުވުމުގައި ކައުންސިލްގެ އެންމެހައި މެންބަރުން ބައިވެރި ވެލެއްވިއެވެ.

ތަކެތި ހަވާލުކުރުމަށް ފަހު ވާހަކަ ދައްކަވަމުން އަބްދުލް މަންނާން ވިދާޅުވީ މިތަކެއްޗަކީ އަޅުގަނޑުގެ އަނބިކަނބަލުން އަލްމަރުހޫމާ ރަޝީދާ އަބުދުލް ޢަފޫރުގެ ހަނދާނުގައި ﷲ ގެ ވަޖުހަފުޅަށްޓަކައި، މަސްޖިދުލް ނޫރު މިސްކިތަށް ހަދިޔާކުރާ ތަކެއްތިކަމުގައެވެ.
ރޭ އިޝާ ނަމާދުން ފެށިގެން މަސްޖިދުލް ނޫރު ގައި ވަނީ މި އެއަރކޮންޑިޝަނަރތައް ބޭނުން ކުރަން ފަށާފައެވެ.

މިތަކެތި ހަރުކުރުމުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވީ ހަނިމާދޫ ޒުވާން ހުނަރުވެރިޔާ އަތަމާގެ، ހުސެއިން އަލީއެވެ. މީގެ އިތުރުން މަސައްކަތުގައި ތަފާތު ގޮތްގޮތުން އެހީތެރިވެދޭން ބޭފުޅުން ތިއްބެވި ކަންވެސް ހަނިމާދޫ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ވަނީ ހަނިމާދޫ މަސްޖިދުއް ތަޢުބާ ވެސް އެއަރ ކޮންޑިޝަނަރ ހަރުކޮށްފައެވެ. މަސްޖިދުލް ނޫރު އެއަރ ކޮންޑިޝަނަރ ހަރުކުރުމާއެކު މިއީ ހަނިމާދޫގައި އެއަރ ކޮންޑިޝަން ކުރެވުނު ދެވަނަ މިސްކިތެވެ.


