އަމާޒަކީ މިމަހުގެ 16 ވަނަ ދުވަހު ދެވަނަ ޓާމް ފެށޭއިރު އަރައްބިއްޔާ ސުކޫލުގެ އާ އިމާރާތް ހުޅުވާ ދަރިވަރުންނަށް ކިޔަވައިދޭން ފެށުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ
އަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެދުލައި އެތަނުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް އެތަން ރައްކާތެރި ނޫން ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެފަދައިން ނިންމާފައިވަނީ އެތަނުގެ ސްޓްރަކްޗާ ބާވެ، އެތަން ރައްކާތެރި ނޫން ކަމަށް ބުނެ ގިނަ އަދަދެއްގެ ބެލެނިވެރިން ނުރުހުން ފާޅު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.
އެހެންކަމުން ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި ކްލާސްރޫމްތައް ގާއިމްކޮށް ވަގުތީ ގޮތުން ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިނިސްޓަރ އައިޝަތު އަލީ އިއްޔެގެ ވަގުތެއްގައި ވަނީ އެތަން ބައްލަވާލެއްވުމަށް ވަޑައިގަންނަވާފައެވެ.
ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް މިހާރު ބާ ޖަމާލުއްދީން ހުންނަ ބިމުގައި ގާއިމް ކުރެވެންދެން ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުމަކާނުލައި ކުރިއަށް ގެންދެވޭނެ ހެން މި އިމާރާތް ތަރައްގީކުރުމެވެ. މިގޮތުން އެ އިމާރާތުގެ މަސައްކަތް ނިމެންދެން އަރަބިއްޔާ ސުކޫލު ހިންގުމަށް ހަމަޖެހިފައިވަނީ މިހާރު ތައްޔާރުކުރާ ވަގުތީ އިމާރާތުގައެވެ.


