ވަޒީރުންގެ ޓީމެއް ކޮމަންޑޫ ދާއިރާއަށް

ފަހުގެ ސިޔާސީ

އަންނަ ފެބްރުއަރީ މަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ވަޒީރުންނާއި ގައުމީ މަޖިލިސް މެންބަރުންގެ ޓީމެއް ކޮމަންޑޫ ދާއިރާއަށް ފުރައިވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. މިނިސްޓަރު ޝާހިދުގެ ޓްވީޓުގައި ވަނީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު މަރްހޫމް ހުސެއިން ވަހީދުގެ ހަނދާން އާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިނިސްޓަރު ޝާހިދާއިއެކު މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވައެވެ. ފާހަގަކުރެވޭގޮތުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިހާރުވެސް ތިއްބެވީ ކޮމަންޑޫ ދާއިރާގައެވެ.

މީގެއިތުރުން ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް މިދިޔަ ހަފްތާގެ ތެރޭ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ގޮނޑި ކުރިން ކާމިޔާބުކުރެއްވި އެމްޑީޕީގެ މެންބަރު ޙުސައިން ވަޙީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި އަވަހާރަވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ