ރ. މާކުރަތުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، 45،023.84 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުން ހިމެނޭ ކަމުގައި އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 641 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަަސައްކަތް ހިމެނޭ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން 350 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ 26.67 މިލިއަންް ރުފިޔާގެ މަޝްރޫޢުއެކެވެ.
މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސިސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.


