ހުކުރު ދުވަހަކީ މާތް ﷲ މަތިވެރިކުރައްވާފައިވާ، ބަރަކާތުން ފުރިގެންވާ ދުވަހެއް – ޚުތުބާ

ޚަބަރު ފަހުގެ

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްކަމުގައި މާތް ﷲ ލެއްވި ދުވަހަކީ ހުކުރު ދުވަސް ކަމަށާއި އެ ދުވަހަކީ އެކަލާނގެ މަތިވެރި ކުރައްވާފައިވާ ބަރަކާތުން ފުރިގެންވާ ދުވަހެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި ކިޔާދީފައިވަނީ ހުކުރު ދުވަހުގެ މާތް ކަމާއި އެ ދުވަހުގެ މުހިއްމު ކަމުގެ ވާހަކަތަކާއި އެ ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ ވާހަކަތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚުތުބާގައި ބުނެފައިވަނީ ހުކުރު ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ މާތް އެއް ދުވަސްކަމަށާއި އެ ދުވަހަކީ ބަރަކާތުން ފުރިގެންވާ ދުވަހެއްކަމަށެވެ. އަދި ހުކުރު ދުވަހަކީ އެތައް ގޮތަކުން މާތް ﷲ މަތިވެރިކުރައްވާފައިވާ ދުވަހެއްކަން ފާހަގަކޮށް ބުނެފައިވަނީ ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ، އާދަމްގެފާނު އުފެއްދެވުނު ތާރީޚީ ދުވަސްކަމަށެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ ހުކުރު ދުވަހަކީ މަތިވެރި ކުރައްވާފައިވާ ދުވަހެއްކަމަށާއި ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއް މާތް ﷲ އެދުވަހުގައި ލައްވާފައިވާކަމަށެވެ. އަދި އެ ވަގުތަކީ، ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އައިސްފައިވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. މީގެއިތުރުން އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ، ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް ރިވާވެގެންވާކަމަށާއި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތުކަމުގައިވެސް އައިސްފައިވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވާގޮތުގައި ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. އެގޮތުން ޚުތުބާގައި ބުނެފައިވަނީ ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު އަދާކުރުންކަމަށެވެ.

މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ އިމާމު ޚުތުބާ ކިޔަމުންދާއިރު ޖަމާޢަތަށް ހާޒިރުވެ ތިބި މީހުން އެ ޚުތުބާ އަޑުއެހުމަށް ސަމާލުކަން ދޭން ޖެހޭކަމަށާއި އެކަމަކީ އޭނާގެ ހުކުރު ނަމާދު ފުރިހަމަވުމަށް ލާޒިމު ކުރާ ކަމެއްކަމަށެވެ. އަދި ޚުތުބާ އަޑުއަހާ ފަރާތްތަކުގެ ވިސްނުމުގައި ހުންނަންޖެހޭކަމަކީ އެ ޚުތުބާއިން ގަސްދުކުރެވޭ ފަރާތަކީ ތިމާ ނުވަތަ ތިމާމެން ކަމަށް ބަލައި ޚުތުބާގައި ދެވޭ އިރުޝާދުއް ލިބިގަތުންކަމަށްވެސް ބުނެފައިވެއެވެ. ޚުތުބާގައި ބުނެފައިވަނީ ހުކުރު ޚުތުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިއްމު އިރުޝާދުތަކެއްކަމަށާއި އެ ޚުތުބާއަކީ އެއާ ނުލާ ހުކުރު ނަމާދު ފުރިހަމަ ނުވާނެ އެއްޗެއްކަމަށެވެ.

އަދި ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރިވުން ނުވަތަ އެ ނޫންވެސް ޝަރުއީ އުޒުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޙުތުބާގައި ހުކުރު ދުވަހު ސަމާލުވާން ޖެހޭ ކަންކަމުގެ މައްޗަށްވެސް ބަލާލާފައިވެއެވެ. އެގޮތުން އެ ދުވަހު ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި ހުކުރަށް ހިނައިގަތުމާއި ހުވަނދުމާލުމާއި ސާފުތާހިރު ރީތި ހެދުމެއް ލުމާއި ހުކުރު ނަމާދުގެ ޖަމާއަތަށް ވީހާވެސް ކުރިން ހާޒިރުވުމާއި މިސްކިތަށް ފަހުން އަރާ މީހުން އެހެން މީހުންގެ ކޮނޑުތައް ގިރާކޮށް ކުރިއަށް ނުދިއުމާއި ކުރިން އަރާ މީހުން މިސްކިތުގެ ކުރީ ސަފުތައް ފުރަމުން ގެންދިއުމާއި މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެރަކުއަތް ކުރުމާއި ސަފުތައް ސީދާކުރުމާއި ހާއްސަކޮށް މިސްކިތުން ބޭރުގައި ހެދޭ ސަފުތައް މިސްކިތުގެ ސަފުތަކާއި ގުޅުވައިގެން ހެދުމަށް ސަމާލުވާންޖެހޭކަމަށް ބުނެފައިވެއެވެ. އަދި ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔުމަށް ކީރިތި ނަބިއްޔާ އިރުޝާދު ދެއްވާފައިވާފައިވާކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ