ހިތުން ފުއްޕާމެއަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި ދަތިކަމެއް ހުރި ކުޑަކުއްޖެއްގެ ހަށިގަނޑަށް އައިޖީއެމްއެޗްގައި ކެތީޓާއެއް ލައްވައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީޑިއެޓްރިކް ކާޑިއޮލޮޖީ އިންޓަވެންޝަން ކާމިޔާބުކަމާއެކު ހަދައިފިއެވެ.
އައިޖީއެމްއެޗް އިން ޓްވީޓެއްގައި ބުނެފައިވާގޮތުގައި މި ޕްރޮސީޖާ ހެދީ ފުއްޕާމެއާ ހިތާ ގުޅޭ ވޭލް ވަރަށް ބޮޑަށް ހިމަކޮށް ހުރުމުގެ ސަބަބުން ލޭ ދައުރުވުމުގެ މައްސަލަތައް ދިމާވި ކުޑަ ކުއްޖެއްގެއެވެ. މި ޕްރޮސީޖާ ހެދީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ޕްރޮސީޖާއަކީ “ބެލޫން ޕަލްމޮނަރީ ވެލްވުލޮޕްލާސްޓީ” އެއްކަމަށެވެ. ބެލޫން ޕަލްމޮނަރީ ވަލްވުލޯޕްލާސްޓީގެ އަމާޒަކީ އޯޕަން ހާޓް ސާޖަރީއެއް ނުކޮށް މި މައްސަލަ ހައްލުކުރުން ކަމުގައި އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
އައިޖީއެމްއެޗުން ކުރި ޓްވީޓުގައި ބުނެފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ބާވަތުގެ ޕްރޮސީޖާގެ ހެދި ޓީމުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކުގެ ޚާއްސަ ޑރ. މުހައްމަދު ޝަނީޒް ނަޖްމީ ކަމަށެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި ޕްރޮސީޖާއަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަން ނުޖެހި ކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިކަމަށެވެ.
އައިޖީއެމްއެޗުން ބުނީ މިއީ ޕީޑިއެޓްރިކް ކެތީޓަރ ބޭސްޑް/ސްޓްރަކްޗަރަލް އިންޓާވެންޝަންތަކުގެ ފެށުންކަމަށާއި އަމާޒަކީ މިފަދަ ހިދުމަތްތައް ތައާރަފްކޮށް ތަރައްގީކުރުންކަމަށެވެ.


