އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ވޮލީ ޓީމް އާއި ކ.ހިންމަފުށީ އަންހެން ވޮލީ ޓީމް ޖެނުއަރީ 13 ވަނަ ދުވަހު ހަވީރު ބޮޑުފޮޅުދޫ ވޮލީ ކޯޓުގައި އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި އެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފަރާތުން އެކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި މެޗަކީ 2021 ވަނަ އަހަރު މި ދެ ޓީމު ގެ ދެމެދުގައި ކުޅުމަށް ތައްޔާރު ވަމުން އައި މެޗެއް ކަމަށާއި ދިގު އިންތިޒާރަކަށް ފަހު މިމެޗް ކުޅެވިގެން މިދިޔައީ 2022 ވަނަ އަހަރުގައި ކަމަށެވެ.
“ފުރަތަަމަ މި މެޗް ކުޅުމަށް ހިންމަފުށީ ޓީމް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ބޮޑުފޮޅުދޫ އަށް އައުމަށް ފުރި. އެހެންނަމަވެސް މޫސުން ގޯސްވުމާއި ގުޅިގެން ދަތުރު ކެންސަލް ކުރީ.” އިބްރާހިމް ނަސީމް ވިދާޅުވިއެވެ.
ޖެނުއަރީ 13 ވަނަ ދުވަހު ބޮޑުފޮޅުދޫ އަށް ހިންމަފުށީ ޓީމް ޒިޔާރަތް ކުރުމާއި އެކު އާރުބީޖީ ސްޕޯރޓްސް ކުލަބުން ވަނީ އެ ޓީމަށް ނޫ ކުލައިގެ މަލަކުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅެވުނު މިމެޗް ޝަރަފްވެރިކޮށް ދެއްވާ މެޗް ފައްޓަވައި ދެއްވީ އއ .ބޮޑުފޮޅުދޫ ކައުންސިލް މެމްބަރ ފާތުމަތު ޒީލިޔާއެވެ.
ވާދަވެރި މޮޅު ކުޅުމެއް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ޓީމުގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ސެޓް 25-17 އާރުބީޖީ ކާމިޔާބު ކުރި އިރު 2 ވަނަ ސެޓް 18-25 އިން އާރުބީޖީ ކާމިޔާބު ކޮށް 3 ވަނަ ސެޓް ވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މެޗުން ވަނީ މޮޅުވެފަ އެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ނަސީމް ވިދާޅުވީ މީ 2022 ވަނަ އަހަރު ކުޅެވުނު ފުރަތަމަ މެޗް ކަމަށާއި، މިއީ ކާމިޔާބު ފެށުމެއް ކަމަށެވެ.
2021 ވަނަ އަހަރު ވެސް ރަށުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ކަން ފާހަގަ ކޮށް މިއަހަރުގެ އަމާޒަކީ މުބާރާތެއްގައި ވާދަކުރުން ކަމަށް ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި މި އަހަރުވެސް ވޮލީ އާއި ހޭންޑްބޯލް ކޭމްޕް ރަށުގައި ކުރިއަށް ގެންދިއުމަށް އަހަރީ ޕްލޭންގައި ހިމަނާފައި ވާނެ ކަމަށްވެސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ.


