ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމަށް ޓީޗަރުގެ މޫނު ފެނުން ކޮންމެހެން ލާޒިމު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުސަތު ދިނުމަށް 2019 ވަނަ އަހަރުގެ ޖަނަވަރީގައި ނިންމިފަހުން، އެ ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެ ފުރުސަތު ފަހިކޮށްދީފައިވާނީ ކިޔަވައިދޭ ވަގުތު ދަރރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށް ކަމަށް ބުންޏެވެ.
އެގޮތަށް ނިންމާފައި ވަނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ ދަރިވަރުންނަށް ފިލާވަޅު ފަހުމު ވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި އެޑިއުކޭޝަނުން ބުންޏެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް އެކަންކަމަކީ މުހިންމު ކަމެއް ކަމަށާއި، ޓީޗަރުގެ މޫނުމައްޗަށް ގެނެވޭ އެކި ހަރަކާތްތަކުން ދަރުވަރުންނަށް ފިލާވަޅު ފަހުމު ވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާ ކަމަށް ބުންޏެވެ.
އެޑިއުކޭޝަނުން ބުނީ ފިލާވަޅު ރަގަޅަށް ދޭހަވުމުގައި މޫނު ފެނުމަކީ ކޮންމެހެން ލާޒިމު ކަމެއްކަމުގައި ވީނަމަވެސް މި ދުވަސްވަރު މުދައްރިސުން މާސްކް އަޅައިގެން ކިޔައިދިނުމަށް އަންގާފައި ވަނީ ސިއްހީގޮތުން ދިމާވެފައިވާ ހާއްސަ ހާލަތަކާ ގުޅިގެން ކަމަށެވެ. އަދި އެ މިނިސްޓްރީން އެދެނީ މި ހާލަތުން އަވަހަށް އަރައިގަނެވި، މާސްކާ ނުލައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ހާލަކަށް ރުޖޫއަވުން ކަމަށް ބުންޏެވެ.


