ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާ ދިއުމާއި ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ދުރާލާ ރޭވިގެން ކުރެވޭ ނުވަތަ ރޫޓިންގް ސާޖަރީތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިއީ މާލެ ސިޓީގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުން ދެވޭ ބައެއް ޙިދުމަތްތަކަށް ގެނެވުނު ބަދަލްތަކާއި ގުޅިގެން ގެނެވުނު ބަދަލެކެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން 2 ހަފްތާގެ ނިޔަލަށް ދުރާލާ ތާވަލްކޮށްގެން ހަދާ ސާޖަރީތައް މެދުކަނޑާލުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެ ހޮސްޕިޓަލުގައި 24 ގަޑިއިރު ދެވޭ އެމަޖެންސީ ޙިދުމަތްތަކަށް މިކަމުގެ ސަބަބުން އެއްވެސް ބުރޫއެއް ނާރާނެކަމަށް ބުނެފަވެއެވެ.
މި ގެނެވުނު ބަދަލްތަކުގެ ސަބަބުން ހޮސްޕިޓަލުން ޙިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވަނީ މަޢާފަށްވެސް އެދިފައެވެ.


